ފަހުގެ އިންތިހާބުތަކުގެ ނަތީޖާއަށް އިޝާރާތްކުރައްވައި، ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ލަސްނުކޮށް ބަދަލުކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ދައްކައިދެނީ ސަރުކާރުގެ މިސްރާބު ބަދަލުކުރަން ރައްޔިތުން ބޭނުންވެފައިވާކަން ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އަޑުއަހައި، ސިޔާސަތުތަކަށް ބަދަލުގެނައުމަށް އެދިވަޑައިގަތެވެ. މީގެ އިތުރުން، އިންތިހާބު ކާމިޔާބުކުރި ފަރާތްތަކަށް މަރުހަބާ ވިދާޅުވެ، އެމްޑީޕީއަށް މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއަދު ބޭއްވި އިންތިހާބުތަކުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި، އިދިކޮޅު އެމްޑީޕީން ވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ހޯދައި، ކައުންސިލް އިންތިހާބު ކާމިޔާބުކޮށްފައެވެ. ނަމަވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީންނެވެ.
ހަމައެއާއެކު، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނެގުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ބަލާއިރު، ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށްވާ 70 އިންސައްތަ މީހުން ވަނީ އެކަމާ ދެކޮޅަށް (ނޫނެކޭ) ވޯޓު ދީފައެވެ. އެކަން އެގޮތަށް ކުރުމަށް ތާއީދުކޮށްފައިވަނީ އެންމެ 30 އިންސައްތަ މީހުންނެވެ.
ކޮމެންޓު ފޮނުވާ