Ad
ޒަކާތު ފަންޑުން ސްކޮލަރޝިޕް ދިނުމާގުޅޭ އައު އުސޫލަށް އަމަލުކުރަން ފަށައިފި

ޒަކާތު ފަންޑުން ސްކޮލަރޝިޕް ދިނުމާގުޅޭ އައު އުސޫލަށް އަމަލުކުރަން ފަށައިފި

Author
ހުސައިން
11 އޮކްޓޯބަރ 2020 06:14
0

މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްސަ އެހީ ދިނުމާގުޅޭ އައު ޢުސޫލު އާންމުކޮށް ޢަމަލުކުރަން ފަށައިފިއެވެ.
މި އުސޫލަކީ މިނިސްޓްރީ އޮފް ފިނޭންސްއަށް ލިބިދޭ އިޙްތިޔާރުގެ ދަށުން "ޒަކާތު ފަންޑު"ގެ ނަމުގައި ޤާއިމުކޮށްފައިވާ ޓްރަސްޓްފަންޑުން، ކުރުން ހުއްދަ ޚަރަދުތަކުގެ ތެރެއިން މަތީ ތަޢުލީމު ޙާސިލުކުރުމަށް އެހީ ދިނުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައަޅާ ޢަމަލުކުރަންފެށި އުސޫލެކެވެ.

މި އުސޫލު ކަނޑައަޅާފައިވަނީ މާލީގޮތުން ފުދުންރެރިކަން ނެތް ދިވެހި ދަރިވަރުންގެ ތެރެއިން، މި ޢުސޫލުގެދަށުން އެހީއަށް އެދޭ ދަރިވަރުންނަށް، ހަމަހަމަކަމާއި ހާމަކަމާއިއެކު ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީ ކިޔެވި ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރުމަށް ބާރު އަޅައި އެކަމަށް ހިތްވަރުލިބޭ ގޮތަށެވެ.

މި އުސޫލުގެދަށުން ލެވަލް 5 އިން ފެށިގެން 10އަށް ހިމެނޭ ކޯސްތަކުގައި ކިޔެވުމުގެ ފުރުޞަތާއި، މި ލެވެލްތަކުގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަ އެހީތަކެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޢުސޫލުގައި ބުނާގޮތުން ޒަކާތު ފަންޑުން ސްކޮލަރޝިޕް ދިނުމަށް އިޢުލާނުކުރުމުގެ ކުރިން އެ އިރެއްގެ ޙާލަތަށް ބަލައި ސްކޮލަރޝިޕްދޭނެ ދާއިރާތައް ކަނޑައަޅާނީ، މި އުސޫލުގެދަށުން އެކުލަވަލާ "މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްސަ އެހީ ދިނުމާބެހޭ ކޮމިޓީ"އިން ބެލުމަށް ފަހުގައެވެ.

ޒަކާތު ފަންޑުން ސްކޮލަރޝިޕް ދިނުމުގެ ޝަރުތުރުތަކާއި، ސްކޮލަރޝިޕް ދިނުމުގައި އިސްކަން ދޭނެ ކަންކަންތައްތަކާއި، ކިޔެވުމުގެ މުއްދަތާއި، ސްކޮލަރޝިޕް ދިނުމުގައި ޢަމަލުކުރާނެ ގޮތްތަކުގެ ތަފްސީލްތައް މި އުސޫލުގައި ހިމަނާފައިވެއެވެ. އަދި ސްކޮލަރޝިޕްގައި ދޭ ފައިސާ ޚަރަދުކުރާނެ ގޮތްތަކާއި، ފައިސާ އުނިކުރެވޭނެ ޙާލަތްތަކާއި، އުނި ނުކުރެވޭނެ ޙާލަތްތަކާއި، ދަރިވަރަކު ކޯހުން ފެއިލްވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތައްވެސް މި އުސޫލުގައިވަނީ ހިމަނާފައެވެ.

މި އުސޫލުގައިވާގޮތުން ޚާއްޞަ އެހީގެ ގޮތުގައި ޓިކެޓާއި، ޓިއުޝަން ފީއާއި، ވިސާގެ ޚަރަދުތަކާއި، ހެލްތް އިންޝުއަރެންފަދަ ޚަރަދުތައް ލިބޭނެއެވެ.

އަލަށް އެކުލަވާލާފައިވާ މި ޢުސޫލުގެ ދަށުން ސްކޮލަރޝިޕް ލިބޭ ދަރިވަރުން، މިކަމާއި ގުޅޭ ޚާއްސަ އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭއިރު، ކޯސް ފުރިހަމަކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކުރަންޖެހޭނެއެވެ. މި އުސޫލާއިއެކޭ 2018 ވަނަ އަހަރުގެ ފެބްރުއައީ މަހުގެ 8 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ "ޒަކާތު ފަންޑު ސްކޮލަރޝިޕާއިބެހޭ އުސޫލު" މިހާރު ވަނީ ބާޠިލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.