މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުގައި އިދިކޮޅު އެމްޑީޕީން ސަރުކާރުގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ވޯޓުން ސަރުކާރަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، ރާއްޖޭގެ ގިނަ ސިޓީތަކާއި ރަށްތަކުގެ މެޖޯރިޓީ އެމްޑީޕީން ނަގާފައިވާއިރު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައިވެސް ސަރުކާރުގެ ހުށަހެޅުމަށް ބޮޑުތަނުން ވަނީ ނޫނެކޭ ބުނެފައިކަމަށް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ އިންތިޚާބުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު، މާލެ، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ނަމަވެސް، ތިނަދޫ ސިޓީގެ މޭޔަރުކަމުގެ ރޭހުގައި މިހާތަނަށް ކުރީގައި އުޅުއްވަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓެވެ. މީގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާމެދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާއިންވެސް ދައްކަނީ، އެ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ގިނަ ރައްޔިތުން ތާއީދުނުކުރާ ކަމަށެވެ.
ކޮމެންޓު ފޮނުވާ