ރައްޔިތުން ބޭނުންވަނީ އިންތިޤާލީ އިންސާފެއްނޫން، ބޭނުންވަނީ އަދުލު އިންސާފު: މުއާޒު

ރައްޔިތުން ބޭނުންވަނީ އިންތިޤާލީ އިންސާފެއްނޫން، ބޭނުންވަނީ އަދުލު އިންސާފު: މުއާޒު

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 10:46
0

ދިވެހި ރައްޔިތުން މިއަދު ބޭނުންވަނީ އިންތިޤާލީ އިންސާފެއްނޫން ކަމަށާއި، ރައްޔިތުން ބޭނުންވަނީ އަދުލު އިންސާފު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއާޒު ވިދާޅުވީ ޝަރުއީ ދާއިރާ އިން މިއަދު ފެނިގެންދަނީ ނާއިންސާފާއި، އަނިޔާވެރިކަމުގެ ހައްދެއްނެތް ކަންތައްތަކެއް ކަމަށެވެ. ދިވެހި އެއްވެސް ރައްޔިތަކަށް ޝަރުއީ ދާއިރާއިން އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރެވޭއިރު، އިންސާފު ގެނައުމުގެ ނަމުގައި މިއަދު ހަދައިގެން އުޅޭ އިންތިޤާލީ އިންސާފަކީވެސް މިހާރު މިއޮތްފަދަ ނާއިސާފާއި ހަމަނުޖެހުން ގެނައުމަށް ކުރާ ކަމެއްކަމަށް މުއާޒު ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވަނީ އިންތިޤާލީ އިންސާފެއްނޫން. ރައްޔިތުން ބޭނުންވަނީ އަދުލު އިންސާފު. މިއަދު ކޯޓުތަކަށް މައްސަލަ ވައްދާއިރު ހުކުމް އޮންނަނީ ތައްޔާރުވެފަ. ފުރަތަމަ ހުކުމް ތައްޔާރު ކުރުމަށްފަހު މައްސަލަ ފަށަނީވެސް.

– މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ޤައުމެއްގެ އަމަން އަމާންކަމާއި ސުލްހަ މަސްލަހަތު ގާއިމްވުމުގެ އެންމެބޮޑު ހިއްސާއެއް އަދާކުރަނީ އަދުލު އިންސާފުގެ ދާއިރާ ކަމަށްވާއިރު، ރާއްޖޭގެ ސަރުކާރުން ޖުޑީޝަރީ ހިޞާރުކޮށް، ސިޔާސީ ވެރިން މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަންގައި ތިއްބެވި ތިއްބެވުމަކީ ރައްޔިތުންގެ އިތުބާރު ޖުޑީޝަރީއަށް ގެއްލިގެން ދިޔަ އެންމެބޮޑު ސަބަބުކަމަށެވެ. ޖުޑީޝަލް ސާވިސް ކޮމިޝަންގައި ސިޔާސީ ގޮތުން ރައީސް ޔާމީނާއި އެންމެ ވާދަވެރި ފަރާތް އިންނަވައި، ވަކި ގޮތަކަށް މުޅި ޖުޑިޝަރީ އެބުރުމަށް މިއަދު ކުރައްވާ މަސައްކަތަކީ އެއްވެސް ރައްޔިތަކަށް އޮޅޭނެ ކަމެއް ނޫންކަމަށެވެ.

މުއާޒު ވިދާޅުވީ ރައްޔިތުން މިކަން ބަދަލު ކުރަން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މިކަން ކުރެވޭނީ ވޯޓުން ކަމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައްޔިތުންނަށް އަދުލު އިންސާފާއި، އަމާންކަން ހޯދުމަށް ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނުމަށް މުއާޒުވަނީ ރައްޔިތުންނަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.