ޑުރަގުގެ މޫތައް ދައުލަތުގެ ތެރޭގައި ބާރުގަދަވެ، ޤާނޫނީ ބާރުވެރިކަން ކެނޑިއްޖެ: އުމަރު

ޑުރަގުގެ މޫތައް ދައުލަތުގެ ތެރޭގައި ބާރުގަދަވެ، ޤާނޫނީ ބާރުވެރިކަން ކެނޑިއްޖެ: އުމަރު

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 09:52
0

ގދ. ހުޅުވާރުލުން އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކަށް ކުރި ދައުވާ ގދ. ގައްދޫ ކޯޓުން ބޭރުކޮށްކޮށްލި މައްސަލަ އިސްތިއުނާފު ނުކުރާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމި ނިންމުމުން މަސްތުވާ ތަކެތި އެތެރެކޮށް ވިއްކާ މީހުންގެ މޫތައް ދައުލަތުގެ ތެރެއަށް ފައިބައިފައިވާ ފުންމިން ހާމަވެފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ފަހުގެ ތާރީޚެއްގައިި ރާއްޖެ އިން އެއްފަހަރާ އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުޅުވާރުލުން އަތުލައިގަތީ އޭޕްރީލް، 2019 ގައި ގައްދޫގައި ވަޅުލާފައި ހުއްޓައެވެ. ގދ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދި ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 5 މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

މިމައްސަލައަށް އިޝާރަތް ކުރައްވާ އުމަރު ވިދާޅުވީ މި މައްސަލައިން މި ދައްކުވާދެނީ މަސްތުވާ އެއްޗެތި އެތެރެކޮށް ވިއްކާ މީހުންގެ މޫތައް ދައުލަތުގެ ތެރެއަށް ފައިބައިފައިވާ ފުންމިންކަމަށެވެ. އަދި އޭގެ ސަބަބުން ޤާނޫނު ތަކުގެ ބާރުކެޑިފައިވާ މިންވަރު ކަމުގައެވެ. މި މޫތަށް ކަޑާލާ، މި ދައުލަތް ސަލާމަތް ކުރެވޭނީ ޤައުމަށް އިޚުލާސްތެރި، ހަރުދަނާ، އަޒުމް ވަރުގަދަ ވެރިކަމެއް ޤާއިމް ކުރެވިގެން ކަމަސް އުމަރު ވިދާޅުވިއެވެ.

އިރާދަ ކުރެއްވިއްޔާ އެދުވަސް ދިވެހިން ދެކޭނެ. މަސްތުވާ އެއްޗެތީގެ ނުރައްކަލުން އާއިލާތައް ސަލާމަތް ކުރެވިފައިވާ މުޖްތަމަޢެއް ދިވެހިން ދެކޭނެ.

– ޢުމަރު ނަސީރު ވިދާޅުވިއެވެ.

މިމައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވާއިރު، މިމައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވި މިމައްސަލައިގެ އިހުމާލުތަކުގެ މައްސަލަ ބަލައި ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި އިއްޔެ ވާނީ މަޖިލީހަށް މައްސަލަ ހުށަހަޅާފައިކަމަށެވެ. އަދި ކޮމިޓީން މިމަސައްކަތް ކުރައްވާނެކަމަށް އިމްތިޔާޒު ވަނީ ވިދާޅުވެފައެވެ.

ގދ ފަޅުރަށެއްކަމަށްވާ ގދ ހުޅުވާރުލުގައި ވަޅުލާފައި ހުރި މަސްތުވާތަކެތި ފުލުހުން ހޯދީ 2019 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ފަހުކޮޅުއެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ފަސްމީހުންގެ ތެރެއިން އެކަކުވަނީ ދޫކޮށްލާފައެވެ. އަނެއް 4 މީހުންވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެެއްޓުމަށް އަމުރުކޮށްފައެވެ.

މީގެތެރެއިން 4 މީހެއްގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އަނެއް މިހާގެ މައްޗަށް އުފުލާފައިވަނީ އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލާގައި ދައުވާ ކުރި ފަސް މީހުންނަކީ، ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

ފަޅު ރަށުގައި ވަޅުލާފައި ހުއްޓާފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނި ހެރޮއިން އާއި ކެނެބިސްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮޑު
އެގަންޖާ 19 ގެ އެމްޑީޕީ ބޮޑެތިމީހުން ޑުރަގްބޮނޑިއަކަށްވާތީ ޕީޖީޝަމީމް އެމއްސަލަ ނުބަލަން ދޫކޮށްލަނީ ވަރަށްސާފް އިނގޭތޯ