ކުވައިތުގެ އަސްކަރީ ކޭމްޕަކަށް އީރާނުން ހަމަލާދީ 10 ސިފައިން ޒަޚަމްކޮށްލައިފި

ކުވައިތުގެ އަސްކަރީ ކޭމްޕަކަށް އީރާނުން ހަމަލާދީ 10 ސިފައިން ޒަޚަމްކޮށްލައިފި

Author
އަހުމަދު
29 މާރޗް 2026 09:37
0

އީރާނުން ކުވައިތުގެ އަސްކަރީ ކޭމްޕަކަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި އެ ގައުމުގެ 10 ސިފައިން ޒަޚަމްވެއްޖެއެވެ.

ކުވައިތުގެ ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހަމަލާގައި ޒަޚަމްވި ސިފައިންނަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ. އަދި މި ހަމަލާގެ ސަބަބުން އަސްކަރީ ކޭމްޕަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަންވެސް އެ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އީރާނުން ވަނީ 14 ބެލިސްޓިކް މިސައިލާއި 12 ޑްރޯން ބޭނުންކޮށްގެން ކުވައިތަށް ހަމަލާދީފައެވެ. ނަމަވެސް މީގެ ތެރެއިން ބައެއް ހަމަލާތައް ކާމިޔާބުކަމާއެކު ދިފާއުކޮށްފައިވާ ކަމަށް ކުވައިތުން ބުނެއެވެ.

މި ހަމަލާތަކަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ދީފައިވާ ހަމަލާތަކެކެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް ތުހުމަތުކޮށް، އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. މި ކުރިމަތިލުންތަކަށް މިހާރު މަސްދުވަސް ވެފައިވާއިރު، އީރާނުން އަންނަނީ އޭގެ ރައްދުގައި އިސްރާއީލަށާއި މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި ދުވަހަކަށްވުރެ ދުވަހެއް އީރާނުގެ ރައްދު ހަމަލާތައް އަންނަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.