ވ. ކެޔޮދޫ ކައިރީން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެ އިންޑިއާ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާ ތަހުގީގު ކުރަމުން، ގެއްލުނު މީހުން ހޯދުމަށް ވައިގެ މަގުން 2544 އަކަ ނޯޓިކަލް މޭލާއި، ކަނޑުގެ ސަތަހައިން 269 އަކަ ނޯޓިކަލް މޭލު ބަލާފައިވެ އެވެ. ހަމައެއާއެކު ކަނޑު އަޑިން 253،662.6 އަކަ މީޓަރުގެ ސަރަހައްދެއްވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަ ކުރެ އެވެ.
ބަންޑުން ޖަހާލި ލޯންޗަކީ އިންޑިއާގެ މަޝްހޫރު ރޭމަންޑު ގުރޫޕުގެ ޗެއާމަން ގޯތަމް ސިންގާނިއާ ދުއްވަންއިން ލޯންޗެކެވެ. ލޯންޗުގައި ހަތް މީހަކު ދަތުރު ކުރިއިރު، އޭގެ ތެރޭގައި ޔޫކޭ އާއި ރަޝިއާ އަށް ނިސްބަތްވާ ދެ އަންހެނަކު ހިމެނެ އެވެ.
ބާރު ސްޕީޑުގައި ދުއްވަނިކޮށް ލޯންޗު ވިއްސައިގެން ދިއުމާ ގުޅިގެން ފަސް މީހަކު މޫދަށް ވެއްޓި، ދެ މީހަކު ގެއްލިފައިވެ އެވެ. ގެއްލުނު ދެ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ ދެ ފިރިހެނުންނެވެ. ގެއްލުނު މީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސްގެ ދާއިރާގައި ނަން ހިނގާ ހަރީ ސިންގު ހިމެނޭ ކަމަށް ވެ އެވެ.
ގެއްލުނު ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެ ނަމަ ލަސްނުކޮށް ހިއްސާ ކޮށްދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ