ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަށް، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ތާއީދުކުރައްވައިފިއެވެ.
އަކްރަމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ސިޔާސީ ނުފޫޒު ކުޑަވެ، ރައްޔިތުން ބޭނުންވާ ފަދަ މަޖިލީހެއް އިންތިޚާބުކުރުމަށް މަގުފަހިވާނެ ކަމަށެވެ. ސަބަބަކީ، ވެރިކަމަށް އަންނާނީ ކޮން ޕާޓީއެއްކަން ކަށަވަރުނުވެ އޮވެ މަޖިލީހަށް ވޯޓުލާން ޖެހުމުން، ރައްޔިތުންނަށް އެންމެ ގާބިލު އަދި އެންމެ ހިތްއެދޭ ކެންޑިޑޭޓުން ހޮވަން ފަސޭހަވެގެން ދިޔުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ސަރުކާރުން އަބަދު އިންތިޚާބުތަކަށް ފޯކަސްކުރަން ޖެހޭ ޖެހުމަށް ވެސް ނިމުމެއް އަންނާނެކަމަށް އަކްރަމް ވިދާޅުވިއެވެ.
އޭގެ އިތުރުން، އިންތިޚާބުތަކަށް ދައުލަތުންނާއި އިލެކްޝަންސް ކޮމިޝަނުން ކުރާ ބޮޑު ހޭދަ އެއްކޮށް ކުޑަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންތިޚާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ ބަހަންޖެހޭ މިންވަރު ދަށްވެ، ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ޚަރަދުތައް ވެސް ކުޑަވާނެކަމަށް އަކްރަމް ވިދާޅުވިއެވެ. ހަމައެހެންމެ، އެއް ދުވަހަކު ވޯޓުލާން ހަމަޖެއްސުމުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ގޮތެއް ނިންމުމަށް އަންނަ މަހުގެ 4 ވަނަ ދުވަހު ރެފަރެންޑަމްއެއް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ސަރުކާރުން ދަނީ މި ބަދަލު ގެނައުމަށް ތާއީދުކޮށް ކެމްޕެއިން ކުރަމުންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން ދަނީ މިކަމާ ދެކޮޅަށް ކެމްޕެއިން ކުރަމުންނެވެ. ކުރިން އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން މި ބަދަލަށް ތާއީދުކުރި ނަމަވެސް، މިހާރު އެ ޕާޓީން ވަނީ މި ވޯޓު ހުއްޓުވުމަށް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.
ކޮމެންޓު ފޮނުވާ