ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާއިތުވި ދެ އަހަރު ދުވަހު ކުރެއްވި މަސައްކަތްޕުޅުތައް އައްޑޫ ސިޓީގެ ރައްޔިތުން މިއަދު ބަލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އައްޑޫ ސިޓީއަށް ކުރެއްވި ޒިޔާރަތުގައި ޕީއެންސީގެ ކެންޑިޑޭޓުންނާއެކު ކުރިއަށްގެންދެވި ޑޯޓުޑޯ ހަރަކާތުގެ ތެރެއިން "އެމްއެމްޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، އެކަމަނާއަށް މަރުޙަބާ ދެންނެވުމަށް ނުކުތް ގިނަ ޢަދަދެއްގެ މީހުންނަށް ބެލުމުން، ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަކަން ވަރަށް ސާފުކޮށް ހާމަވެގެންގޮސްފައިވާ ކަމަށެވެ. އައްޑޫ ސިޓީއަކީ ތަރައްޤީއަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ތަނަކަށްވާއިރު، މާޒީގައި އެމްޑީޕީއަށް ކައުންސިލާއި މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތު ދީގެންވެސް އެކަށީގެންވާ ތަރައްޤީއެއް ލިބިފައިނުވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، އެ މާޔޫސްކަން ފިލުވާލައި، ސަރުކާރާ ގުޅިގެން ތަރައްޤީ ގެނައުމަށްޓަކައި ރައީސް އެދިވަޑައިގެންނެވި ފަދައިން ރައްޔިތުންގެ މަޖިލީހަށް އައްޑޫ ރައްޔިތުން ވަނީ ސަރުކާރަށް އެއްބާރުލުންދޭ މެންބަރުންތަކެއް އިންތިޚާބުކޮށްދެއްވާފައެވެ. އަދި ހަމައެހެންމެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ރައީސް އެދިވަޑައިގަންނަވާ ގޮތަށް، ސަރުކާރަށް އެއްބާރުލުންދީ އައްޑޫއަށް ކުރިއެރުން ގެނެސްދޭނެ ކައުންސިލެއް އައްޑޫ ރައްޔިތުން އިންތިޚާބުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ