އާބާދީ މަދުވުމުގެ ސަބަބުން ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމުގެ މަރުހަލާގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަކީ ސިޔާސީ ކަމެއް ކަމަށާއި، އެއީ ފަސޭހައިން ހައްލުކުރެވޭނެ ކަމެއް ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ހިރިމަރަދޫ މީހުންނަށް ހަނިމާދޫން ގޯތި ދޫކުރަން ނިންމުމާ ގުޅިގެން، އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ކަންކަން ހިނގާ ކަމަށް ބުނެ ހަނިމާދޫގެ ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. އަދި އެ ރަށު ކައުންސިލުން ވަނީ ބިން ދޫކުރުމުގެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މިއީ ސީދާ އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމަކަށް ނުވި ނަމަވެސް، މިކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ފުރަތަމަ މަޝްވަރާކުރެވުނު އިރު އެއްވެސް މައްސަލައެއް ނެތްކަން ފާހަގަކުރައްވައި، މިހާރު ފެންމަތިވެގެން އުޅޭ ނުތަނަވަސްކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އުފެދިގެން އުޅޭ ސިޔާސީ އޮއިވަރެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި މައްސަލަ ހައްލުކުރާނީ ދެ ރަށުގެ ރައްޔިތުންނަށް ވެސް އެންމެ ފައިދާހުރި ގޮތަށް ކަމަށާއި، ހަނިމާދޫގެ އަސާސީ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހިރިމަރަދޫ ރައްޔިތުން 2016 ވަނަ އަހަރުން ފެށިގެން އެހެން ރަށަކަށް ހިޖުރަކުރަން ބޭނުންވެފައި ތިއްބައި، އެކަމަށް އަމަލީ ސިފައެއް ގެންނަވަން ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. އާބާދީގައި 585 މީހުން ރަޖިސްޓްރީވެފައިވާ ހިރިމަރަދޫގައި މިހާރު ދިރިއުޅެނީ އެންމެ 229 މީހުންނެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކަމަށްވާއިރު، 18 އަހަރާއި 45 އަހަރާ ދެމެދުގެ ޒުވާނުންގެ ނިސްބަތް އެ ރަށުގައި ވަރަށް މަދެވެ.
ކޮމެންޓު ފޮނުވާ