އެއްވެސް ހަނގުރާމައަކަށް ރާއްޖޭގެ ސަރަހައްދެއް ބޭނުންކުރުމުގެ ފުރުޞަތެއް ނުދޭނަން: ރައީސް

އެއްވެސް ހަނގުރާމައަކަށް ރާއްޖޭގެ ސަރަހައްދެއް ބޭނުންކުރުމުގެ ފުރުޞަތެއް ނުދޭނަން: ރައީސް

Author
ހުސައިން
23 މާރޗް 2026 12:11
0

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ނުވަތަ އެހެން ހަނގުރާމައެއްގައިވެސް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ މަސްރަޙާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ދެމުންދާ ހަމަލާތަކެއް ކަމަށާއި، އެކަން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއްވެސް ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ، އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މި ހަނގުރާމައިގައި ރާއްޖޭގެ ސަރަހައްދެއް ބޭނުންކުރަން އުޅޭކަމަށް ފެތުރެމުންދާ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވަނީ، އިޒްރޭލު ފިޔަވައި އެހެން ހުރިހާ ޤައުމަކާއެކުވެސް ރާއްޖެއަށް ފައިދާހުރި ގޮތަކަށް ގުޅުން ބަދަހިކުރައްވާނެކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، އެއްވެސް ޤައުމެއްގެ އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ފަސްގަނޑު ބޭނުންކުރުމުގެ ޖާގަ ނުދެއްވާނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

އިސްލާމީ ޤައުމަކާ ދެކޮޅަށް ދޭ އެއްވެސް ހަމަލާއަކަށް ރާއްޖެއިން ފުރުޞަތު ނުދޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މުސްލިމް ޤައުމުތަކަށް ދޭ ހަމަލާތަކާ ދިވެހި ސަރުކާރުން ކަނޑައެޅިގެން ދެކޮޅު ހަދާކަމަށެވެ. މީގެ އިތުރުން، އީރާނުން ދޭ ހަމަލާތައްވެސް އަމާޒުކުރަންޖެހޭނީ ސީދާ އިޒްރޭލަށް ކަމަށް ސަރުކާރުން ޤަބޫލުކުރާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.