ރައްކާތެރި ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: ރައީސް

ރައްކާތެރި ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް: ރައީސް

Author
އަހުމަދު
22 މާރޗް 2026 08:34
0

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު އަދި ރައްކާތެރި ބޯފެން ލިބޭނެ މަގު ތަނަވަސްކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން ރައީސް ދެއްވި ޚާއްޞަ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޖަޒީރާ ޤައުމަކަށް ވުމާއެކު، ރައްކާތެރި ފެން ކަށަވަރުކުރުމަށް ޤައުމީ ފެންވަރުގައި ޚާއްޞަ އިސްކަމެއް ދޭންޖެހެއެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކާއި ފެނުގެ ދަތިކަމުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހެނީ އަންހެނުންނާއި އަންހެން ކުދިންކަން ފާހަގަކުރައްވައި، ފެނުގެ ރައްކާތެރިކަމަކީ އެކަނބަލުންގެ ކަރާމާތާއި ރައްކާތެރިކަމުގެ އިތުރުން ހަމަހަމަ ފުރުޞަތުތަކާވެސް ގުޅިފައިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ވާރޭފެން ރައްކާކުރުމާއި ފެންފަށަލަ ޙިމާޔަތްކުރުމަށް މިހާރު ޤާއިމުކޮށްފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކުރަންޖެހޭކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. ހަމައެއާއެކު، މި ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމާއި، ކްލައިމެޓް ފައިނޭންސް ހޯދުމާއި، ބޯފެން ލޮނުވުން ފަދަ ކުއްލި ޙާލަތްތަކުގައި ޢަމަލުކުރާނެ ހަރުދަނާ އުޞޫލުތަކެއް ހުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

ރަށްރަށުގެ ތަރައްޤީއާއި ވިލުންވެރިކަން ބިނާވެފައިވަނީ ރައްޔިތުން، ޚާއްޞަކޮށް އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށްކަން ފާހަގަކުރައްވައި، ސާފު ފެނަކީ ހަމަހަމަކަން ކަށަވަރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސާފު ފެނާއި ނަރުދަމާގެ ނިޒާމުތައް ހަރުދަނާކޮށް ހުރިހާ ދިވެހިންނަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށްޓަކައި، މަދަނީ ޖަމުޢިއްޔާތަކާއި، ޔޫޓިލިޓީ ކުންފުނިތަކާއި، ތަރައްޤީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.