ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ޖޫން މަހުގެ ނިޔަލަށް ނިންމާލަނީ

ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ޖޫން މަހުގެ ނިޔަލަށް ނިންމާލަނީ

Author
ޙަސަން މުޙައްމަދު
21 މާރޗް 2026 10:31
0

ށ. ފުނަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރަމުން އެ ކުންފުނިން ބުނެފައިވަނީ، މުޅި މަޝްރޫޢުގެ 73 އިންސައްތަ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. މިވަގުތު އެންމެ ބާރަށް ކުރިއަށްދަނީ ރިވެޓްމަންޓް ޖަހާ ސަރަޙައްދު ފުންކުރުމާއި، އެ ސަރަޙައްދު ބެކްފިލް ކުރުމުގެ އިތުރުން ބޮޑުހިލަ ބޭނުންކޮށްގެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.

މަސައްކަތްތައް ގޮސްފައިވާ ހިސާބަށް ބަލާއިރު، ރިވެޓްމަންޓް ޖެހުމުގެ 48 އިންސައްތަ އަދި ބިން ހިއްކުމުގެ 72 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. ހަމައެއާއެކު، ގޮނޑުދޮށް ހިމާޔަތްކުރުމަށް ވެލިއެޅުމުގެ 64 އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައެވެ. އެމްޓީސީސީން ފާހަގަކުރާ ގޮތުގައި މިހާރު މަސައްކަތްތައް ކުރިއަށްދާ ސްޕީޑަށް ބަލާއިރު ކަނޑައެޅިފައިވާ ތާރީޚަށް މަޝްރޫޢު ނިންމާލެވޭނެއެވެ. އަދި މިކަމުގެ ސަބަބުން ފުނަދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ ބޮޑު މައްސަލައަށް ދާއިމީ ފުރިހަމަ ޙައްލެއް ލިބިގެންދާނެއެވެ.

ށ. އަތޮޅުގެ ވެރިކަންކުރާ ރަށްކަމަށްވާ ފުނަދޫގެ ރަޖިސްޓްރީ އާބާދީގައި 2800 މީހުން ތިބި ނަމަވެސް، މިވަގުތު ރަށުގައި ދިރިއުޅެމުންދަނީ ގާތްގަނޑަކަށް 2500 މީހުންނެވެ. ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދިނުމުގެ ގޮތުން، މި ސަރުކާރުން އަންނަނީ ފުނަދޫގައި ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ނިންމައި އެކަންކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.