ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ އެކު އުޅެފައިވާތީ މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެކަހެރިވާން ޖެހި އޭނާ އަށް ސިޓީގެ ކުރިއަށް އޮތް ދެ މެޗު ވެސް ގެއްލިއްޖެ އެވެ.
އަގުއޭރޯ އަށް ގެއްލޭނީ ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. މި ސީޒަނުގައި އަނިޔާގެ ސަބަބުން އަގުއޭރޯ އަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ. ކޯޗު ޕެޕް ގާޑިއޯލާ ބުނީ ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ އަގުއޭރޯ ކޮންޓެކްޓްވި ނަމަވެސް އޭނާ ކުރި ޓެސްޓުން ވަނީ ނެގެޓިވްވެފައި ކަމަށެވެ. އެކަމަކު އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިނުގައިވާގޮތުން ޕޮޒިޓިވްވި މީހަކާ ކޮންޓްކެޓްވި މީހެއް ނަމަ 10 ދުވަހަށް އެކަހެރިވާން ޖެހެ އެވެ.
ކޯވިޑް ޕްރޮޓޮކޯލް އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކުން ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފަ އެވެ. އެ ގޮތުން އާ އަހަރާ ދިމާކޮށް ޕާޓީ ބޭއްވި ބައެއް ކުޅުންތެރިން ޖޫރިމަނާތަކެއް ވަނީ ކޮށްފައެވެ. ޖޫރިމަނާކުރި ކުޅުންތެރިން ވަނީ ބައެއް މެޗުތަކުގެ ފުރަތަމަ އެގާރައިން ބޭރުކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ ޓީމުތަކަށް ބަލާއިރު މި ވަގުތު ކޯވިޑް-19ގެ ސަބަބުން އެންމެ ހާލަތު ގޯސް ކްލަބްތަކުގެ ތެރޭގައި ސިޓީ ހިމެނެ އެވެ. ކޯވިޑް ޖެހިގެން މިދިޔަ 15 ވަރަކަށް ދުވަސް ތެރޭ ސިޓީގެ ގިނަ ކުޅުންތެރިންތަކަކަށް ވަނީ މެޗުތަކެއް ގެއްލިފަ އެވެ.
ކޮމެންޓު ފޮނުވާ