އިޒްރޭލުން ދިން ހަމަލާއެއްގައި އީރާންގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ އިސްވެރިޔާ އަލީ ލަރިޖާނީ އަވަހާރަކޮށްލި މައްސަލަ ޗައިނާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ބައިނަލްއަޤުވާމީ ގުޅުންތަކުގައި ބާރުގެ ބޭނުންކުރުމަކީ އެ ޤައުމުން އަބަދުވެސް ދެކޮޅު ހަދާ ކަމެއް ކަމަށެވެ. އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ދައުލަތްތަކުގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލާދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޗައިނާއިން ވަނީ އިޒްރޭލުގެ މި ހަމަލާއަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ހުރަސްތަކެއް އެޅޭނެކަމަށް ޗައިނާއިން ދެކެއެވެ. އެހެންކަމުން މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ކެތްތެރިކަން އިސްކުރުމަށް ޗައިނާއިން ވަނީ ގޮވާލާފައެވެ. އީރާންގެ ސިޔާސީ އަދި އަސްކަރީ މައިދާނުގައި ނުފޫޒުގަދަ ބޭފުޅެއް ކަމަށްވާ ލަރިޖާނީގެ ޖަނާޒާ ބުދަ ދުވަހު ބާއްވާފައިވާއިރު، މި ހަމަލާގެ ބަދަލު ހިފާނެކަމުގެ ވަރުގަދަ އިންޒާރެއް އީރާނުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ