ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މިނިވަންކަމާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ނަފްރަތު އުފެދޭފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ. ޕީއެސްއެމްއިން މިކަމަށް ގޮވާލާފައިވަނީ އިދިކޮޅު އެމްޑީޕީން ފޮނުވި ސިޓީއަކަށް ދިން ރަސްމީ ޖަވާބުގައެވެ.
އެމްޑީޕީން ޕީއެސްއެމްއަށް ސިޓީ ފޮނުވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރުމުގެ ފުރުޞަތަކަށް އެދިއެވެ. މި ސިޓީގެ ޖަވާބުގައި ޕީއެސްއެމްއިން ބުނެފައިވަނީ، މެނޭޖިންގ ޑިރެކްޓަރ މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުން ބައްދަލުކުރެވެން ނެތްކަމަށާއި، މި މަހުގެ ފަހުކޮޅު އެނބުރި ރާއްޖެ ވަޑައިގަތުމުން ބައްދަލުވުމަށް އަލުން އެދުމަށެވެ.
ކުރިއަށް އޮތް އިންތިޚާބުތަކަށް އާންމުން ހޭލުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ޕީއެސްއެމްއިން ސާފުކޮށްދިން ގޮތުގައި، އެ ޕްރޮގްރާމްތަކަކީ ފަންނީ އަދި އިޖުރާޢީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެކެވެ. އެހެންކަމުން މިވަގުތު އިސްކަންދެނީ ސިޔާސީ ޕާޓީތަކަށް ފުރުޞަތު ދިނުމުގެ ބަދަލުގައި، ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މަސައްކަތްކުރެއްވި ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މަޢުލޫމާތު ގެނެސްދިނުމަށެވެ. އެގޮތުން މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ޕްރޮގްރާމްތަކުން ޖާގަދީފައި ނުވާނެކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ޕީއެސްއެމްއިން ވަނީ އެ ކުންފުނިން އަބަދުވެސް އަމަލުކުރަމުންދަނީ ޤާނޫނުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް، ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށްކަން ކަށަވަރުކޮށްދީފައެވެ. އަދި އެމްޑީޕީގެ ވެރިކަމުގައިވެސް ޕީއެސްއެމް އޮތީ ހަމަ މި އުޞޫލުގެ މަތީގައިކަން ހަނދާންކޮށްދެމުން، ކުންފުނީގެ ޚިދުމަތްތަކާ ގުޅުވައިގެން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ނުއުފެއްދުމަށް ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ