ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ ޕްރޮގްރާމްތަކާ ގުޅިގެން އެމްޑީޕީން ޕީއެސްއެމްގައި އިހުތިޖާޖުކޮށްފި

ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ ޕްރޮގްރާމްތަކާ ގުޅިގެން އެމްޑީޕީން ޕީއެސްއެމްގައި އިހުތިޖާޖުކޮށްފި

Author
ހުސައިން
16 މާރޗް 2026 06:01
0

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ޕީއެސްއެމްއިން ގެނެސްދޭ ޕްރޮގްރާމްތަކުގައި އެމްޑީޕީއަށް ފުރުސަތު ނުދޭކަމަށް ބުނެ، އެ ޕާޓީން ޕީއެސްއެމް ހިންގާ އިމާރާތަށް ގޮސް މިއަދު އިހުތިޖާޖުކޮށްފިއެވެ.

އެމްޑީޕީން މިއަދު މެންދުރުފަހު 1:00 ހާއިރު ޕީއެސްއެމްއަށް ދިޔައީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބްއާ ބައްދަލުކުރުމަށެވެ. އެ ޕާޓީގެ މައިގަނޑު ކަންބޮޑުވުމަކީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަށް ތާއީދުކުރަންޖެހޭ ސަބަބުތައް އެކަނި ޕީއެސްއެމްއިން ގެނެސްދިނުމެވެ. ނަމަވެސް ޝަކީބް މާލޭގައި ނޫޅުއްވާކަން ރިސެޕްޝަނުން އެންގުމުން، އެހެން އިސްވެރިޔަކާ ބައްދަލުކުރަން އެދުމުން އެކަންވެސް ހަމަނުޖެހުމުން އެމްޑީޕީގެ މެންބަރުން ވަނީ ރިސެޕްޝަން ސަރަހައްދުގައި ތިބެ ޝަކީބުގެ އިސްތިއުފާއަށް ގޮވާލައި އަޑުއުފުލާފައެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްއިން ބުނީ، ޝަކީބު އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގައި ހުންނެވިކަން ރޭގެ ވަގުތެއްގައި ސިޓީއަކުން އެމްޑީޕީއަށް އަންގާފައިވާނެ ކަމަށެވެ. އަދި އެގޮތަށް އަންގާފައި ވަނިކޮށް މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަމަލުކުރުން ހުއްޓާލުމަށް އެ ކުންފުނިން ވަނީ ގޮވާލާފައެވެ.

އިންތިޚާބާ ގުޅޭ ޕްރޮގްރާމްތަކާ ބެހޭގޮތުން ޕީއެސްއެމްއިން ސާފުކޮށްދިން ގޮތުގައި، އެއީ ފަންނީ އަދި އިޖުރާއީ މައުލޫމާތު ދޭ ޕްރޮގްރާމްތަކަކަށް ވާތީ، އެކަމުގައި އިސްކަންދެނީ ވަކި ސިޔާސީ ޕާޓީއަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންނަށެވެ. އަދި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައި ނުވާނެކަމަށާއި، އެ ކުންފުނިން އަބަދުވެސް އަމަލުކުރާނީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނާ އެއްގޮތަށް ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ކަމަށް ޕީއެސްއެމްއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.