މާލޭ ނޯތު ހާބަރުގެ ފީ ބޮޑުކުރާ ކަމަށް ދެކެވޭ ވާހަކަތައް އެމްޕީއެލް އިން ދޮގުކޮށްފި

މާލޭ ނޯތު ހާބަރުގެ ފީ ބޮޑުކުރާ ކަމަށް ދެކެވޭ ވާހަކަތައް އެމްޕީއެލް އިން ދޮގުކޮށްފި

Author
ޙަސަން މުޙައްމަދު
15 މާރޗް 2026 05:54
0

މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީ ބޮޑުކުރުމަށް ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފީ ބޮޑުކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ލޯކަލް އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. މީގެ ބަދަލުގައި، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން ނޯތު ހާބަރުގެ ޚިދުމަތްތައް ފުޅާކޮށް، 'އޭ ޒޯން' ބޭނުންކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީއެލްއިން ފާހަގަކުރިއެވެ.

އެމްޕީއެލްގެ އަމާޒަކީ އޮޑިދޯނިފަހަރަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ޚިދުމަތް ދިނުން ކަމަށްވާއިރު، މުދާ އުފުލާ ބޯޓުފަހަރުތައް ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަކުރުމަށްޓަކައި އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މީގެ އިތުރުން، މަސްވެރިކަން ކުރާ އުޅަނދުތަކަށް ޚާއްސަކޮށްފައިވާ ނޯތު ހާބަރުގެ "ޑީ ޒޯން"، "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ ފަރާތްތަކުން މިހާރުވެސް އެއްވެސް ފީއެއް ނުނަގާކަން އެ ކުންފުނިން ކަށަވަރުކޮށްދިނެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށްފަހު އެ ޒޯންތައް އަލުން ހުޅުވާލިއިރު އެމްޕީއެލްއިން ގެނައި ހަމައެކަނި ބަދަލަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓަރީ ނުކުރާ އުޅަނދުތަކަށް އެ ސަރަހައްދު ބޭނުން ނުކުރެވޭ ގޮތް ހެދުން ކަމަށް އެ ކުންފުނިން ބުންޏެވެ. މާލޭ ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.