ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެކީ ބޭއްވުމަށް އެމްޑީއޭއިން ތާއީދުކޮށްފި

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެކީ ބޭއްވުމަށް އެމްޑީއޭއިން ތާއީދުކޮށްފި

Author
ޙަސަން މުޙައްމަދު
11 މާރޗް 2026 02:11
0

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް، މީދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ލީޑަރުކަން ކުރައްވާ އެމްޑީއޭއިން މަރުހަބާ ކިޔައި އެކަމަށް ފުރިހަމައަށް ތާއީދުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު މަޖިލީހުން ފާސްކުރި ގާނޫނުއަސާސީގެ އިސްލާހުގައިވާ ގޮތުން، ކޮންމެ ފަސް އަހަރަކުން ބާއްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ދެން ބާއްވާނީ އެކުއެކީގައެވެ. ނަމަވެސް މި އިސްލާހު ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭއިރު، އަންނަ މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ކައުންސިލް އިންތިޚާބާއެކު މި ވޯޓު ނެގުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ގަރާރެއް ނެރުއްވާފައެވެ.

މިކަމާ ގުޅިގެން އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަވެ، ދަރަނި މެނޭޖުކުރުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި މިއީ ގައުމުގެ ކުރިމަގަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށާއި، ރާއްޖޭގެ އިގްތިސާދަށާއި ސުލްހަމަސަލަސްކަމަށް ބަލާއިރުވެސް ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ މިއީކަމަށް އެ ޕާޓީން ގަބޫލުކުރެއެވެ.

މީގެ އިތުރުން، އެ ޕާޓީގެ ރައީސް ސިޔާމަކީ އަބަދުވެސް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ސިޔާސަތުތަކަށް ވަކާލާތުކުރައްވައި، ގައުމުގެ އިގްތިސާދީ ހަމަޖެހުމާއި އިޖުތިމާއީ ބަދަހިކަމަށް އިސްކަންދެއްވާ ބޭފުޅެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިންތިޚާބުތައް އެއްކޮށްލުމުގެ އިސްލާހަށް އަމަލުކުރަން ފެށުމާއެކު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2029 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ބާއްވާނީ އެއްކޮށެވެ. މީގެ ސަބަބުން، މިދިޔަ މެއި މަހުގެ 28 ގައި ފެށުނު މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ފަސް މަސްދުވަސް އުނިވެ، 1 ޑިސެމްބަރު 2028 އަށް މަޖިލީހުގެ އުމުރު ހަމަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.