ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފުރިހަމައަށް ތާއީދުކުރައްވައި އެކަމަށް ގޮވާލައްވައިފިއެވެ.
2008 ވަނަ އަހަރަށްފަހު ރާއްޖޭގެ ސިޔާސީ މަޝްރަޙު އޮތް ގޮތުން ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ޤާސިމް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވުމަށްފަހު، ސަރުކާރުގެ ފުރަތަމަ ހަ މަސްދުވަސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ހޭދަކުރަންޖެހެއެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އައު ސަރުކާރަށް ޖެއްސުންކުރުމާއި، ބަޖެޓަށް ހުރަސްއެޅުމާއި، އިތުބާރު ނެތްކަމުގެ މައްސަލަތައް ނެރުން ފަދަ ކަންކަން މާޒީގައި ހިނގާފައިވުމަކީ ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި މި ބަދަލު ގެންނަންޖެހޭ މައިގަނޑު ސަބަބުކަމަށް ޤާސިމް ވިދާޅުވިއެވެ.
މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ދައުލަތުގެ ބަޖެޓުން 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެކަމަށެވެ. އަދި އެ ފައިސާ ރައްޔިތުންގެ އެހެނިހެން ބޭނުންތަކަށް ޚަރަދުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށާއި، އިންތިޚާބުތަކާ ގުޅިގެން ހިނގާ ކޮރަޕްޝަންގެ ތުހުމަތުތަކާއި ސިޔާސީ ހަމަނުޖެހުންތައްވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުން ފާސްކުރާ މިފަދަ އިސްލާޙެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާނީ ރައްޔިތުންގެ ވޯޓަކުން އެކަމަށް ރުހުން ލިބުމުންކަމަށްވާތީ، އަންނަ އެޕްރީލް މަހުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއެކު ނަގާ ފެންނަ ނުފެންނަ ވޯޓުގައި މި ބަދަލު ގެނައުމަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް ޤާސިމް ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ