ބައިވެރިޔާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ސަރުކާރުން އައު ޕްރޮގްރާމެއް މިއަދު އިފުތިތާހުކޮށްފިއެވެ.
"ގޯތި-ގެދޮރު" ގެ ނަމުގައި ފެށި މި ޕްރޮގްރާމަކީ ބޯހިޔާވަހިކަމުގެ ކުރީގެ ސިޔާސަތުތަކާ މެދު ރައްޔިތުން ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. މީގެ ކުރިން ސަރުކާރުން ޖަނަވަރީ 18 ގައި ހުޅުވައިލި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަ ޝަރުތު ހަމަނުވާ ގޮތަށް ކަނޑައެޅިފައި އޮތުމަކީ ގިނަ ބައެއްގެ ނުރުހުން އެކަމަކަށް އަމާޒުވި ކަމެކެވެ.
މި ޕްރޮގްރާމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމަށް މިހާތަނަށް 18،399 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އެ ސްކީމް ހުޅުވައިލިއިރު ވެސް 20،000 އަށް ވުރެ ގިނަ ފަރާތްތައް ކުރިމަތިލާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ގޯއްޗަށް އެދޭ ފަރާތްތައް ލަފާކުރި ވަރަށް ވުރެ މަދުވެފައިވާތީ، އިތުރު ބަޔަކަށް ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި މި ޕްރޮގްރާމް ތައާރަފުކުރީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯއްޗެވެ. ގޯއްޗަށް އެދެވޭނީ މައިގަނޑު ދެ ކެޓަގަރީއަކުންނެވެ. އެއީ މާލޭ ރަށްވެހިންނަށް ހާއްސަ ފުރަތަމަ ކެޓަގަރީއާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ހާއްސަ ދެވަނަ ކެޓަގަރީއެވެ. ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ އޭޕްރިލް 30 ވަނަ ދުވަހެވެ.
އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ކޮމެންޓު ފޮނުވާ