އަސްކަރީ ބޮޑެތި އެތަކެއް ބާރުތަކާއެކު، ދިވެހި ސިފައިން މިއަދު ބާއްވާ ރަހުމަތްތެރި ކަމުގެ ގުޅުމުގެ ސަބަބުން ނިރުބަވެރިކަމާއި، ކަނޑުގެ ސަލާމަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ ހަފްތާ މަޖައްލާ މިހަފްތާގެ އަދަދުގައި މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެފައިވަނީ އަސްކަރީ ބޮޑެތި އެތަކެއް ބާރުތަކާއެކު، ދިވެހި ސިފައިން މިއަދު ބާއްވާ ރަހުމަތްތެރި ކަމުގެ ގުޅުމުން ދިވެހި ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގިނަ ހޯދުންތައް ހޯދި، ނިރުބަވެރި ހަމަލާތަކާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ހަރުދަނާ ކުރިއެރުންތައް ލިބެމުންދާކަމަށެވެ. ހަމަ އެއާއެކު ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަން ތަކުގައި އާތަޖުރިބާ އާއި ކުރިއެރުން ވެސް ލިބި، އަންނަން އޮތް ދުވަސްތަކުގައި އޭގެ ފޮނިމީރުކަން ސިފައިންނަށް ލިބޭނެ ކަމާމެދު ޝައްކެއްނުކުރައްވާކަމަށެވެ.
ދިވެހި ސިފައިން ގެ ޤާބިލްކަން އިތުރު ކުރުމަށް ސިފައިންނަށް ބޭނުންވާ ތަމްރީންތައް ކުރިއަށްގެންދިޔުމުގައި ނިމިދިޔަ އަހަރަށް ވުރެ ގިނަ އޮޅިތަކެއް ގިރާކުރަން މިއަހަރުވެސް ނިންމާފައިވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. މިގޮތުން ކަންކަމަށް ދުރާލައި ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާ ހުނަރާއި ތަމްރީންތައް ލިބިފައިވާ ޤާބިލް ލަޝްކަރަކަށްވުމަށް އަބަދުވެސް ބަދަހި ކަމާއެކު ދިވެހި ސިފައިން ތިބޭ ތިބުމާ މެދު މުޅި ގައުމް ފަހުރުވެރިވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ޚިކުމަތްތެރި ވިސްނުން ފުޅާއެކު، ދިވެހި އަސްކަރިއްޔާ ކުރިއަރުއްވާ ތަރައްޤީ ކުރެއްވުމަށް، ފަންނީ އަދި މާލީ އެހީތައް މިއަދު ދިވެހި އަސްކަރިއްޔާއަށް މެދުނުކެނޑި ލިބެމުންދާތީ އިންތިހާއަށް އުފާކުރައްވާކަމަށެވެ.
ކޮމެންޓު ފޮނުވާ