ހުޅުމާލެ ކައިރީގައި އަޅާފައިއޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި މިއަދު ދައުވާކުރި މީހާއަށް ކުށް ސާބިތު ކުރެވިދާނެ ކަމާއިމެދު ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ސުވާލު އުފައްދަވައިފިއެވެ.
މިމައްސަލާގައި ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިކަލުން އަބްދުﷲ ޝާންގެ މައްޗަށް މިއަދު ވަނީ 3 ދައުވާއެއް އުފުލާފައެވެ. ޝާންގެ މައްޗަށް ކޮށްފައިވަނީ ޖިންސީ ގޯނާ ކުރިމުގެ ދައުވާއާއި، ގައިގައި އަތްލުމުގެ ކުށާއި އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމު"ގެ ކުށުގެ ދައުވާ އެވެ.
މިމައްސަލާގައި ދައުވާ ކޮށްފައިވާ މީހާގެ މައްޗަށް ކުށް ސާބިތު ކުރުމާއި ގުޅޭގޮތުން ހައިލަމް ވިދާޅުވީ މިކަމަކީ މިކަމެއް ކުރިއިރު، އިތުރު މީހަކަށް ފެނިގެން ކޮށްފައިވާކަމަށް ނުވާއިރު، އަދި އަނިޔާ ލިބުނު ފަރާތަކީ މިމައްސަލައިގެ އެންމެ މުހިންމު ހެކި ކަމުގައި ވީނަމަވެސް، އޭނާގެ ހެކިބަސް ނެގުމަކާއި ނުލައި ރާއްޖެއިން ފުރުވާލާފައިވާކަމީ މިކަން ސާބިރު ކުރެވިދާނެ ކަމާއިމެދު އޮތް ބޮޑު ސުވާލެއްކަމަށް ހައިލަމް ވިދާޅުވިއެވެ.
މިކަމެއް ކުރިތަން ފެނުނު އެއްވެސް މީހަކު ނެތްއިރު، އަނިޔާލިބުނު ފަރާތަކީ މައްސަލައިގެ އެންމެ މުހިންމު ހެކި ކަމަށް ވީނަމަވެސް، ޝަރީޢަތުގައި ފަހުން ބޭނުންކުރުމަށް ހެކިބަސް ނެގުމަކާނުލައި އަނިޔާލިބުނު ފަރާތް ފުރުވާލާފައި ވާއިރު އެފަރާތުގެ ހެކިބަހާ ނުލައި މިމައްސަލަ ސާބިތުކުރެވޭނެތޯ؟
– ހައިލަމް ވިދާޅުވިއެވެ.
ހުޅުމާލެ ކައިރީގައި އަޅާފައިއޮތް ސަފާރީއެއްގައި ޖިންސީ އަނިޔާކުރި ކެންޔާ އަންހެން މީހާވަނީ މިހާދިސާ ހިނގިދާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ފުރުވާލާފައެވެ.
ހުޅުމާލެ ކައިރީގައި އަޅާފައިއޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާއި ގުޅިގެން ކުށުގެ ވެށިން 39 އަހަރުގެ ދިވެހި 2 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، ނަމަވެސް އެ 2 މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލާގައި ޝާންއަށް ދައުވާ ކޮށްފައިވާއިރު، މިމައްސަލާގައި ހިމެނޭ އަނެއް ދެމީހުންގެ މައްޗަށް ދައުވާކުރެވޭ ވަރުގެ ހެކި ނެތުމުން އެ ދެ މީހުންގެ މައްސަލަ އަނބުރާ ވަނީ ފޮނުވާލައިފައެވެ.
ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލާފައިވަނީ މިފަދަ އެހެން މައްސަލަތަކުގައިވެސް ޢަމަލުކުރާގޮތަށް އެވަގުތަށް ލިބިފައިހުރި ހެކިތަކާއި ބެލިބެލުމުން އެމީހުން ދޫކޮށްލައިގެން މައްސަލައިގެ ތަހުގީގަށް އިތުރަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވިގެންކަމަށެވެ. މި މައްސަލައިގެ ތަޙްޤީޤަށް ހެކި ނަގާފައިވާކަމަށާއި 11 މީހެއްގެ ބަޔާން ނަގާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ