ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައިގައި ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތާ މެދު ހިތްހަމަނުޖެހި، ރާއްޖެއާ ދެމެދު އޮތް ޚާރިޖީ ގުޅުންތައް ވަގުތުން މެދުކަނޑާލުމަށް މޮރިޝަސްގެ ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން، 1981 ވަނަ އަހަރުން ފެށިގެން ރާއްޖެއާ އެކު ގާއިމުކޮށްފައިވާ ގުޅުން ކަނޑާލަން ނިންމީ، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް ރާއްޖެއިން ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރަމުންދާތީއެވެ. މި ނިންމުމާ ގުޅިގެން ރާއްޖެއާ އެކު އޮތް ހުރިހާ ސިޔާސީ ގުޅުމެއް ވަގުތުން ވަގުތަށް މެދުކަނޑާލުމަށް އެ ގައުމުގެ ކެބިނެޓުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މޮރިޝަސް އިން މިފަދަ ހަރުކަށި ފިޔަވަޅެއް އަޅާފައި މިވަނީ، ޗާގޯސްގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަން މިހާރުގެ ސަރުކާރުން ނިންމާފައި ވަަނިކޮށެވެ. އަދި ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ފޯޅަވައްސަކީ ތާރީޚީ ގޮތުން ބަލާއިރު ދިވެހިންގެ ތަނެކެވެ. އިނގިރޭސިވިލާތުން އެތަން އެހެން ބަޔަކަށް ދޫކޮށްލާނަމަ، އެތަނުގެ ހަގީގީ ހައްގުވެރިންނަކީ ދިވެހިރާއްޖެކަން އިނގިރޭސި ސަރުކާރުގައި ދެ ފަހަރެއްގެ މަތިން ދަންނަވާފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެހެން ގައުމުތަކުން އެތަނަށް ޗާގޯސް ކީ ނަމަވެސް، އެއީ ޒަމާނުއްސުރެ ދިވެހިން "ފޯޅަވަހި" ގެ ނަމުން ނަންދީފައިވާ ދިވެހިންގެ ތަރިކައެއް ކަމަށާއި، ސިޔާސީ ބޭނުމެއް ނެތި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގައުމީ ވިސްނުމުގައި އެތަން ހޯދުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ