ހޯމް މިނިސްޓަރު ޢަލީ އިޙްސާންގެ އަނބިކަނބަލުންނާއި ދަރިކަނބަލުންގެ ވީޑިއޯ މަގުމަތިން ނެގިކަމަށް ތުހުމަތުކޮށް، އެކަން ކުރީ އިދިކޮޅު އެމްޑީޕީގެ އިސްވެރިންތަކެއް ކަމަށް ވިދާޅުވެ މިނިސްޓަރު ނުރުހުން ފާޅުކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި މިނިސްޓަރު އިޙްސާން މީސްމީޑިއާގައި ހިއްސާކުރެއްވި ވީޑިއޯއިން ފެންނަ ގޮތުގައި، ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) މަގުމަތީގައި ތިއްބެވިއިރު، އޭގެ ތެރެއިން އިބުރޭ ފޯނު ނަގައިގެން ކުރިމަތިން ދިޔަ ބަޔަކު ވީޑިއޯ ކުރަން މަސައްކަތްކުރާ މަންޒަރު ފެނެއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެބޭފުޅުން ވީޑިއޯ ނަންގަވަމުން ގެންދެވީ އެވަގުތު އެތަނުން ހިނގާފައި ދިޔަ މިނިސްޓަރުގެ އަނބިކަނބަލުންނާއި ދަރިކަނބަލުންގެއެވެ.
މި ތުހުމަތުތައް މިނިސްޓަރު ކުރެއްވިއިރު، ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔުމަށް މަޝްހޫރު 'ހަސަން ކުރުސީ' އެކައުންޓުން ވަނީ މިނިސްޓަރުގެ އާއިލާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. މި ޢަމަލު ކުށްވެރިކުރައްވައި އިޙްސާން ވިދާޅުވީ މިއީ ވަރަށް ދަށު ދަރަޖައިގެ 'ނާތަހުޒީބު' އަމަލެއް ކަމަށެވެ. އަދި ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ބަޔަކު މިފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ އެ ޕާޓީގެ މާޒީގައިވެސް ފެންނަން އޮތް، އެމީހުންގެ އަސްލު ސިފައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ އާއިލީ ވީޑިއޯ އާންމުކުރި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ހަސަން ކުރުސީ އެކައުންޓުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި ޒިންމާދާރު ކުރުވުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ކޮމެންޓު ފޮނުވާ