ޖެންޑާ މިނިސްޓްރީ ކައިރީގައި ކުރި ސުލްހަވެރި އިހުތިޖާޖުން ހައްޔަރު ކުރި އިދިކޮޅު ކޯލިޝަންގެ އަންހެން ކަނބަލުން މިހާރު މިހާރަށް ދޫކޮށްލުން އެކޯލިޝަނުން ގޮވާލައިފިއެވެ.
ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއާ ބައްދަލުކުރުމަށް އެދި ފޮނުވާފައިވާ ސިޓީއަށް ޖަވާބެއް ނުލިބި 3 މަސްދުވަސް ވެފައިވާތީއާއި އަދި އަންހެނުންނާ ގުޅުންހުރި މައްސަލަތަކުގައި އިންސާފު ނުލިބޭތީ މިއަދު ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި ކަނބަލުން ކުރި ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން 5 ކަނބަލަކު ވަނީ ހައްޔަރު ކޮށްފައެވެ.
މިއަދު ހައްޔަރު ކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ފާޠިމަތު ރުޚްޝާނާއާއި މާފަންނު ސްޓިއަރިންގ ކޮމިޓީގެ ސެކްރެޓަރީ އާމިނަތު ނާސިހާއާއި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ކަމަށްވާ ފާޠިމަތު ފައުޒިއްޔާއާއި އާމިނަތު ނަޒީރާއާއި ޒުބައިރާ މުޙައްމަދެވެ.
ރޭޕްއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި އިންސާފު ނުލިބި ލަސްވަމުންދާތީ އިންސާފު އަވަހަށް ޤާއިމްކުރުމަށާއި އަންހެނުންނަށް ރައްކާތެރިކަމާ ޙިމާޔަތް ކަށަވަރުކޮށްދިނުމަށް ސުލްޙާވެރިކަމާއެކު ގޮވާލަމުންދިޔަ ކަނބަލުންތަކެއް، ފުލުހުންގެ އިސްފަރާތްތަކުގެ އެންގުމަށް ފުލުހުންގެ ބޮޑު ފައުޖެއް އައިސް ހައްޔަރު ކުރުމަކީ ވަރަށް އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ ޢަމަލެއް ކަމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ހައްޔަރުކުރި އެންމެ މިހާރުން މިހާރަށް ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.
އިދިކޮޅު މުޒާހަރާތަކުން ފަހަކަށް އައިސް ހައްޔަރު ކުރާ މީހުން ދޫކޮށްލަނީ ޖަލަށް ގެންގޮސް، ސައުވީސް ގަޑިއިރުފަހުން ކަން ފާހަގަކޮށްލެވެއެވެ. އެންމެފަހުން ހައްޔަރު ކުރި މީހުންވެސް ދޫކޮށްލާފައިވަނީ ޖަލުގައި އެއްދުވަސް ބޭތިއްވުމަށްފަހުގައެވެ.
ކޮމެންޓު ފޮނުވާ