ޖެފްރީ އެޕްސްޓީންގެ މައްސަލައިގެ ތަހުގީގަށް، އެމެރިކާގެ ހައުސް އޯވަސައިޓް ކޮމިޓީން ކުރީގެ ރައީސް ބިލް ކްލިންޓަންއާއި ހިލަރީ ކްލިންޓަންއާ ސުވާލުކުރަން ފަށައިފިއެވެ.
މި ތަހުގީގަށް ބަޔާން ނެގުން ކުރިއަށްދަނީ ނިއުޔޯކްގެ ޗަޕަކުއާގައި ހުންނަ ކްލިންޓަންގެ ދެމަފިރިންގެ އަމިއްލަ ގެކޮޅުގައެވެ. މީޑިއާތަކަށް ނުވަދެވޭގޮތަށް ސިއްރުން (ކްލޯޒްޑް ޑޯކޮށް) ކުރިއަށްގެންދާ މި ބައްދަލުވުންތަކުގެ ތެރެއިން، ހިލަރީ ކްލިންޓަން މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ބަޔާން ދެއްވާފައިވާއިރު، ބިލް ކްލިންޓަންގެ ބަޔާން ނެގުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ހިނގި ގާނޫނީ ބަހުސްތަކަކަށްފަހު، ކޮންގްރެސްއަށް ހާޒިރުނުވެއްޖެނަމަ ދައުވާކުރާނެކަމުގެ އިންޒާރު ކޮމިޓީން ދިނުމާ ގުޅިގެން ކުރިއަށްދާ ސުވާލުކުރުންތަކެކެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން މައިގަނޑު ގޮތެއްގައި ހިލަރީއާ ސުވާލުކޮށްފައިވަނީ އެޕްސްޓީން ހިންގި ޖަރީމާތަކުގެ މައުލޫމާތު އެކަމަނާއަށް އެނގިވަޑައިގަންނަވާ މިންވަރާއި، އެޕްސްޓީންގެ ބައިވެރިޔާ ގިލެން މެކްސްވެލްއާ އޮތް ގުޅުމާ ގުޅޭގޮތުންނެވެ. ނަމަވެސް ބައްދަލުވުން ސިއްރުކޮށްފައިވާތީ ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް އަދި ހާމަވެފައެއް ނުވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެ، 2019 ވަނަ އަހަރު ޖަލުގައި މަރުވެފައިވާ އެޕްސްޓީންގެ ޕްރައިވެޓް ޖެޓުގައި ބިލް ކްލިންޓަން ދަތުރުކުރެއްވިކަން ކޯޓު ލިޔުންތަކުން ވަނީ ހާމަވެފައެވެ. ނަމަވެސް، އެޕްސްޓީންގެ ކުށްތަކާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި 2000 ގެ އަހަރުތަކުގެ ކުރީކޮޅަށްފަހު އޭނާއާ ގުޅުމެއް ނުބާއްވާކަމަށް ބިލް ކްލިންޓަން ވިދާޅުވެއެވެ. ހަމައެއާއެކު ހިލަރީ ކްލިންޓަން ވެސް ވަނީ އެޕްސްޓީންއާ ދުވަހަކުވެސް ބައްދަލުވެވަޑައިގެންފައިނުވާ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާ ކަމެކެވެ. ރިޕަބްލިކަން ޕާޓީން ތުހުމަތުކުރާ ގޮތުގައި އެޕްސްޓީންގެ މައްސަލައިގައި ޑިމޮކްރެޓިކް އިސްވެރިންގެ ބައިވެރިވުން އެބައޮތެވެ. ރައްދުގައި ކްލިންޓަންގެ ދެމަފިރިންނާއި ޑިމޮކްރެޓުން ބުނަނީ މިއީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އެޕްސްޓީންއާ އޮތް ގުޅުމުން މީހުންގެ ސަމާލުކަން އަނބުރާލުމަށް ރިޕަބްލިކަންއިން ކުރާ ސިޔާސީ ކަމެއް ކަމަށެވެ. ކޮމިޓީގެ ރައީސް ޖޭމްސް ކޯމާ ވިދާޅުވާ ގޮތުގައި މި ތަހުގީގުގެ ބޭނުމަކީ އެޕްސްޓީންގެ ނެޓްވޯކް ހިންގި ގޮތުގެ ހަގީގަތް ހޯދުމެވެ.
ކޮމެންޓު ފޮނުވާ