އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ޝަމްއާން ވަހީދުގެ ދިފާއުގައި އޭނާގެ މައިންބަފައިންނާއި އަނބިމީހާ ކޯޓުގައި ހެކިބަސް ދީފިއެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ މާޗު މަހު މަގާމުން ވަކިކޮށް ހައްޔަރުކުރި ޝަމްއާންގެ މައްޗަށް ދައުލަތުން ވަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ މި ޝަރީއަތުގެ އަޑުއެހުމުގައި ޝަމްއާންގެ ފަރާތުން ހުށަހެޅި 10 ހެކިންގެ ތެރޭގައި އޭނާގެ އެންމެ ގާތް އާއިލީ މެމްބަރުން ހިމެނޭއިރު، އެ ފަރާތްތަކުން މަސައްކަތްކޮށްފައިވަނީ ޝަމްއާން ލޯނު ދައްކަން ބޭނުންކުރި ފައިސާގެ އަސްލު އޮޅުންފިލުވައިދިނުމަށެވެ.
ހެކިބަސް ދެމުން ޝަމްއާންގެ ބައްޕަ، އިބްރާހިމް ވަހީދު ބުނެފައިވަނީ ދަރިފުޅު ނަގާފައިވާ ސްޓޫޑެންޓް ލޯނެއް ނުދެއްކި އޮތުމުން، އެކަމަށް އެހީތެރިވުމުގެ ގޮތުން ތިން ލައްކަ ރުފިޔާ ދީފައިވާނެ ކަމަށެވެ. އަދި އެ ފައިސާ ހަވާލުކުރީ ކޮތަޅަކަށް އަޅައި، ނަގުދު ފައިސާގެ ގޮތުގައިކަން ފާހަގަކުރަމުން އޭނާ ބުނީ، އެއީ އަމިއްލަ ފިހާރައާއި ކެފޭ ހިންގައިގެންނާއި ތަންތަން ކުއްޔަށް ދީގެން ހޯދި ހަލާލު ފައިސާ ކަމަށެވެ. މި ވާހަކަތަކަށް ބާރުދެމުން ޝަމްއާންގެ މަންމަވެސް ވަނީ އެ އާއިލާއަށް ވިޔަފާރިން ރަނގަޅު އާމްދަނީއެއް ލިބޭކަން ކޯޓުގައި ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، ޝަމްއާންގެ އަނބިމީހާ އިދުފާ ފާއިޒުވެސް ވަނީ ބައްޕަ ފައިސާ ހަވާލުކުރި ވަގުތު އެތަނުގައި ހުރިކަމަށް ބުނެ ހެކިބަސް ދީފައެވެ. އަދި ޝަމްއާންގެ އަތުގައި ހުރި ފައިސާއަކީ ނާޖާއިޒު ގޮތުގައި ހޯދި ފައިސާ ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، އޭނާގެ ކާރެއް ވިއްކާލައިގެން ލިބުނު ފައިސާގެ ތަފްސީލުވެސް އިދުފާ ހިއްސާކުރިއެވެ. އެގޮތުން ކާރު ވިއްކާލައިގެން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 250،000 ރުފިޔާއާއި 10،000 ޑޮލަރު ލިބުނުކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާގެ ބޮޑުބައި ނިމިފައިވުމާއެކު، މައިގަނޑު ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކަމަށް ފެންނާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން ކޯޓުން ވަނީ މިދިޔަ ޑިސެމްބަރު މަހު ޝަރުތުތަކަކާއެކު ޝަމްއާން ބަންދުން ދޫކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ