ސްޕެނިޝް ލީގުގައި އެންމެފަހުން ރަށުން ބޭރުގައި އޮސެސޫނާއާ ދެކޮޅަށް ކުޅުނު މެޗު ސަސްޕެންޑް ކުރަން ޖެހޭނެކަމަށާއި މިހާލަތުގައި މި ކުޅެވެނީ ފުޓްބޯޅަ އެއް ނޫންކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ލަނޑެއް ނުޖެހި އެއްވަރުވި މެޗަށްފަހު ވާހަދައްކަމުން ޒިދާން ބުނީ ދަނޑުމަތީގައި ކުރެވެން ހުރި ހުރިހާކަމެއް މެޑްރިޑުން ކުރި ކަމަށާއި މޫސުން ތައްނުދިނުމާ އެއްވަރަށް މެޗުގައި މެޑްރިޑުގެ ނަސީބު ނެތީކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ. މޫސުން ގޯސްވެ ސްނޯ ފޭބުމުގެ ސަބަބުން މެޗު ކުޅުމަށް މެޑްރިޑު ޕެމްފްލޯނާއަށް ދަތުރު ކުރި ފްލެއިޓް ވެސް ވަނީ އެއާ ޕޯޓުގައި ނުޖެއްސިގެން މަތީގައި ދެގަޑިއިރު ހޭދެކޮށްފައެވެ. މިމެޗުކުޅުމަށް ޕެމްޕްލޯނާއަށް މެޑްރިޑުން ދަތުރުކޮށްފަވަނީ ސްޕެއިންގެ މޫސުމާ ބެހޭ އިދާރާގެ ލަފާމަތިން ހުކުރު ދުވަހުއެވެ.
ބޯ ސްނޯގައި ކުޅުނު މެޗާ ގުޅޭގޮތުން ހިތްހަމަނުޖެހި ހުރި ޒިދާން ބުނީ މިހުރިހާ ދަތިތަކާއެކު މެޗު ކުޅެވިގެން ނުވާނެ ކަމަށާއި މިމެޗު ނުކުޅެ ފަސްކުރަންޖެހޭނެ ކަމަށެވެ. ޒިދާން ބުނީ ފެނިގެންދޔައީ މެޗު ކުޅެން އެންމެ އެކަށީގެންވާ މާހައުލެއް އޮތްތަނެއް ނޫންކަމަށެވެ. މެޗުގެ ފުރަތަމަ ހާފްގައި މެޑްރިޑުން އޮސެސޫނާގެ ގޯލަށް އެންމެ ހަމަލާއެއް އަމާޒުކުރެވިފަ ނުވާއިރު މިއީ ލީގުގެ މެޗެއްގައި މިހާދައްކޮށް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗެވެ.
މި ނަތީޖާ އެކު ތާވަލު ދެވަނައިގަ މެޑްރިޑު އޮތީ އެއްވަނާގަވާ އެތުލެޓިކޯއަށް ވުރެ ތިން މެޗު އިތުރަށް ކުޅެގެން އެއްޕޮއިންޓް ތަފާތުން 37 ޕޮއިންޓާއެކުއެވެ. އެންމެފަހުން ކުޅުނު 11 މެޗުން ވެސް މޮޅެއް ހޯދިފަނުވާ އޮސެސޫނާ އޮތީ ރެލިގޭޝަން ޒޯނުގައިއެވެ.
ކޮމެންޓު ފޮނުވާ