ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ދޫކުރުން ރޯދަ މަހުގެ 15 އަށް ނިންމާލަނީ

ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ދޫކުރުން ރޯދަ މަހުގެ 15 އަށް ނިންމާލަނީ

Author
އަލީ ރައޫފް
25 ފެބްރުއަރީ 2026 12:08
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނީ މިއަހަރުގެ ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި މުޅި ރާއްޖެއިން ޖުމްލަ 118،773 ގޭބީސީއަކަށް މަސްދަޅު ކޭސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ 61،755 ގޭބީސީއާއި އަތޮޅުތެރޭގެ ރަށްތަކުގެ 56،918 ގޭބީސީއެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ ފާއިތުވި މަހުގެ 24 ވަނަ ދުވަހު ކަމަށްވާއިރު، މިހާތަނަށް މާލެ ސަރަހައްދުން އެކަނިވެސް 54،488 ކޭސް ވަނީ ރައްޔިތުންނާ ހަވާލުކޮށްފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މާލޭގައި ނަމަ އެމްސީއެލްޕީގެ ޕަބްލިކް ވޯކްސް ސައިޓުންނާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި ހުންނަ މިފްކޯ ފިހާރައިން ރޯދަ މަހުގެ 15 ގެ ނިޔަލަށް މަސްދަޅު ކޭސް ލިބެން ހުންނާނެއެވެ.

މީގެ އިތުރުން، އަތޮޅު ތެރޭގެ ރަށްތަކުގައި މި ހަދިޔާ ބެހުމުގެ އިންތިޒާމްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.