މެކްސިކޯގެ އެންމެ ނުފޫޒުގަދަ މަސްތުވާތަކެތީގެ ވިއުގަ ކަމަށްވާ 'ހަލީސްކޯ ނިއު ޖެނެރޭޝަން ކާޓެލް' (ސީޖޭއެންޖީ) ގެ ލީޑަރު، ނެމެސިއޯ އޮސެގުއޭރާ ނުވަތަ އާންމު ނަމުންނަމަ "އެލް މެންޗޯ" ސިފައިން ދިން ހަމަލާއެއްގައި މަރާލައިފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މި ޚަބަރު ފެތުރިފައިވަނީ މެކްސިކޯގެ މަޝްހޫރު ނޫސްތައް ކަމަށްވާ 'އެލް ޔުނިވަރސަލް' އާއި 'ރިފޯމާ' ގެ އިތުރުން 'ޓެލެވިސާ' ނެޓްވޯކުންނެވެ. ނަމަވެސް، މެކްސިކޯގެ ސަރުކާރުން އަދި މިހާތަނަށް މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެމެރިކާއާއި މެކްސިކޯއިން ވެސް އެންމެ ބޮޑަށް ހޯދަން ބޭނުންވެފައިވާ އެއް ކުށްވެރިޔާ ކަމަށްވާ އޮސެގުއޭރާ ހޯދައިދޭ ފަރާތަކަށް އެމެރިކާއިން ވަނީ 15 މިލިއަން ޑޮލަރުގެ އަގުބޮޑު އިނާމެއް ވެސް ހުށަހަޅާފައެވެ. މީގެ ކުރިން ވެސް އޭނާ މަރާލާފައިވާ ކަމުގެ އަޑުތައް އެކި ފަހަރު މަތިން ފެތުރުނު ނަމަވެސް، އޭނާއަކީ އަތުނުޖެހި ގިނަ ދުވަސްތަކެއް ވަންދެން ފިލައިގެން އުޅުނު ލީޑަރެކެވެ.
މިއީ ސިނަލޯއާ ކާޓެލްގެ ބާނީން ކަމަށްވާ ހޯކިން 'އެލް ޗަޕޯ' ގުޒްމަން އަދި އިސްމާއީލް ޒަމްބާޑާ އަތުލައިގަތް ފަހުން، އެ ގައުމުގެ މަސްތުވާތަކެތީގެ ވިއުގަޔަށް ލިބުނު އެންމެ ބޮޑު ލޮޅުން ކަމަށް ބެލެވެއެވެ. އެ ދެ ލީޑަރުން ވެސް މިހާރު ތިބީ އެމެރިކާގެ ޖަލުގައެވެ. އޮސެގުއޭރާގެ ލީޑަޝިޕްގެ ދަށުން 2009 ވަނަ އަހަރު އުފެދުނު ސީޖޭއެންޖީ އަކީ ކުރިން ސިނަލޯއާ ކާޓެލްގެ ގޮތްޕެއްގެ ގޮތުގައި އޮތް ޖަމާއަތެކެވެ. ނަމަވެސް ފަހުން ވަކިވެ، މެކްސިކޯގެ ގިނަ ސްޓޭޓްތަކެއްގައި ބާރުގަދަކޮށް، އަސްކަރީ ފެންވަރުގެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ސަރުކާރުގެ ސިފައިންނާ ކުރިމަތިލާ އަނިޔާވެރި ބައެއްގެ ގޮތުގައި މި ޖަމާއަތް ވަނީ ފާހަގަކުރެވިފައެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ގްރޫޕުން ކޮކެއިން، ހެރޮއިން، މެތަމްފެޓަމީން އަދި ފެންޓަނީލް ފަދަ ނުރައްކާތެރި ތަކެތި ބޮޑު މިންވަރަކަށް އެމެރިކާއަށް އެތެރެކުރާ ކަމަށް ތުހުމަތު ކުރެވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަސްތުވާތަކެތި ފޮނުވުމުގެ ބޮޑު ނެޓްވޯކެއް ވެސް މި ކާޓެލްއިން ވަނީ ގާއިމުކޮށްފައެވެ.
ކޮމެންޓު ފޮނުވާ