ދިވެހި ރައްޔިތުންގެ ދީލަތި އެހީއާއެކު "ޚިދުމަތް ޖަމިއްޔާ" ގެ ފަރާތުން ފަލަސްތީނުގެ ގާޒާގައި ބިނާކުރި ވަގުތީ ހަތްވަނަ މިސްކިތުގެ މަސައްކަތް ނިންމައި، އެ ތަނުގައި ނަމާދުކުރަން ފަށައިފިއެވެ.
މި މިސްކިތް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ ހަނގުރާމައިގެ ސަބަބުން މިސްކިތްތައް ބިމާހަމަވެފައިވާ އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ފަސޭހަކަމާއެކު ޖަމާއަތުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. އެ ޖަމިއްޔާއިން މައުލޫމާތު ދިން ގޮތުގައި ރޭގެ ވަގުތެއްގައި މި މިސްކިތުގައި ވަނީ ނަމާދުކޮށް، އާންމުކޮށް ބޭނުންކުރަން ފަށާފައެވެ. އަދި ނަމާދު ކުރުމުގެ އިތުރުން، މި ތަނަކީ އެ ސަރަހައްދުގެ ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމާއި ދީނީ ތައުލީމު އުނގަންނައިދިނުމަށް ވެސް ބޭނުންކުރާނެ މުހިންމު މަރުކަޒެކެވެ.
ގާޒާގެ ހާލަތު މިވަގުތު އޮތްގޮތުން، އެ ސަރަހައްދުގައި އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމަކީ ނުހަނު ބުރަ އަދި ނުރައްކާތެރި ކަމެކެވެ. އެހެންނަމަވެސް، ޚިދުމަތް ޖަމިއްޔާގެ ޓީމުން އަންނަނީ ފުރާނައަށް ނުރައްކާ އޮތް މާހައުލެއްގައި ތިބެ، ދިވެހިންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ވެދޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހިތްވަރާއެކު ދެމިތިބެމުންނެވެ. މި މިސްކިތަކީ ދިވެހިންގެ އެހީގައި ގާޒާގައި ބިނާކުރެވުނު ވަގުތީ މިސްކިތްތަކުގެ ސިލްސިލާގެ ތެރެއިން އިތުރުކުރެވުނު ބޮޅެކެވެ.
ކޮމެންޓު ފޮނުވާ