ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގެންފި

ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގެންފި

Author
ހުސައިން
18 ފެބްރުއަރީ 2026 06:44
0

ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެންދުރު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ބަންގްލަދޭޝް ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުހައްމަދު ޔޫނުސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިއްޔެ ބޭއްވި އެ ގައުމުގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ ރައީސް މުއިއްޒު ބަންގްލަދޭޝްއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމާ އިއްޔެ ހަވާލުވެވަޑައިގެންނެވި ތޯރިގް ރަހުމާންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދޭދޭ ގުޅުންތައް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ތޯރިގް ރަހުމާނަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުންނެވެ. ބަންގްލަދޭޝްގެ ވެރިކަން ދިގު މުއްދަތަކަށް ދައުރުވަމުން އައީ ހާލިދާ ޒިޔާ އާއި އޭނާގެ ވާދަވެރި ޝައިހް ހަސީނާއާ ދެމެދުގައެވެ. ނަމަވެސް، 2024 ވަނަ އަހަރު ޒުވާނުން (ޖެން-ޒީ) އިސްވެ ފެށި ވަރުގަދަ މުޒާހަރާތަކަކާ ގުޅިގެން ޝައިހް ހަސީނާގެ ވެރިކަން ވަނީ ނިމުމަކަށް ގެނެސްފައެވެ. ހަސީނާ މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.