ބަންގްލަދޭޝްގެ އައު ސަރުކާރު އެކުލަވާލައި، ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެ ޤައުމަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސްގެ ޚާއްޞަ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ބަންގްލަދޭޝްގެ އައު ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވަނީ، ދާދިފަހުން އަވަހާރަވި އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން އަދި ބީއެންޕީގެ ޗެއަރމަން ޠާރިޤު ރަޙްމާނެވެ. އައު ސަރުކާރު ހުވާކުރުމުގެ މި ޚާއްޞަ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ރާއްޖެ ގަޑިން ހެނދުނު 09:00 ގައެވެ.
މި ފަހަރުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 212 ގޮނޑި ކާމިޔާބުކޮށް، ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އަލަށް އިންތިޚާބުވެވަޑައިގެންނެވި ބޮޑުވަޒީރު ޠާރިޤް ރަޙްމާނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާ ގޮތުގައި، 1978 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޤާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް މި ދަތުރުފުޅުގެ ސަބަބުން އިތުރު ކުރިއެރުމާއި ބަދަހިކަން ލިބިގެންދާނެއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާދަމާގެ ވަގުތެއްގައި އެނބުރި ރާއްޖެ ވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ