ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތަކުގެ ވެރިންނަށް ޖޫރިމަނާ މައާފުކޮށް، އެއް ލައްކަ ރުފިޔާގެ އިނާޔަތެއް ދެނީ

ސިނަމާލެ އާއި މާލެ ހިޔާ ފްލެޓްތަކުގެ ވެރިންނަށް ޖޫރިމަނާ މައާފުކޮށް، އެއް ލައްކަ ރުފިޔާގެ އިނާޔަތެއް ދެނީ

Author
ހުސައިން
17 ފެބްރުއަރީ 2026 09:47
0

މާލޭގެ ގަލޮޅުގައި ހުންނަ ސިނަމާލެ ފުލެޓާއި މާލޭ ހިޔާ ފުލެޓުތަކަށް ދައްކަންޖެހޭ ފައިސާގެ ޖޫރިމަނާ މައާފުކޮށްދެއްވައި، އެ ފްލެޓްތަކުގެ ވެރިފަރާތްތަކަށް އެއް ލައްކަ ރުފިޔާގެ މާލީ އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ، އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާ މުލިއާގޭގައި ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޝަކުވާތައް އަޑުއެއްސެވުމަށް ފަހުގައެވެ. އެ ބައްދަލުވުމުގައި ފްލެޓްތަކުގެ ވެރިން ވަނީ އިމާރާތްތައް މަރާމާތު ނުކުރެވި ވީރާނާވަމުންދާ މައްސަލައާއި، ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ހުރި ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވާފައެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި އިނާޔަތަކީ އެ ފްލެޓްތައް ބައުވެ، ސްޓްރަކްޗަރ ހަލާކުވެފައިވީ ނަމަވެސް އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާތީ ދެއްވާ ލުޔެކެވެ.

މި ނިންމެވުމާއެކު ސިނަމާލެ 1، 2، 3، 4 އަދި މާލެހިޔާ 1، 2 ގެ ފްލެޓްތަކަށް ފައިސާ ނުދެއްކިގެން އަރާފައިވާ ހުރިހާ ޖޫރިމަނާއެއް އެއްކޮށް މައާފުވެގެންދާނެއެވެ. އަދި ކަނޑައަޅާފައިވާ އެއް ލައްކަ ރުފިޔާގެ އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، ފްލެޓަށް ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދު އެއް ލައްކަ ރުފިޔާއަށްވުރެ ބޮޑުނަމަ، ދައްކަންޖެހޭ އަދަދުން އެއް ލައްކަ ރުފިޔާ އުނިކޮށްދެވޭނެއެވެ.

މީގެއިތުރުން، ފްލެޓަށް ދައްކަން ބާކީ އޮތް އަދަދު އެއް ލައްކަ ރުފިޔާއަށްވުރެ ކުޑަނަމަ، ބާކީ އޮތް ބައި މައާފުކޮށްދިނުމަށްފަހު، އެއް ލައްކައިން ބާކީވާ މިންވަރު ވެރިފަރާތަށް ނަގުދު ފައިސާގެ ގޮތުގައި ދޫކުރާނެއެވެ. އަދި ފްލެޓްގެ އަގު އެއްކޮށް އަދާކޮށް، ތަން މިލްކުކޮށްފައިވާ ފަރާތްތަކަށް އެއް ލައްކަ ރުފިޔާ އެއްކޮށް އެފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. މިއީ މި ފްލެޓްތަކުގެ މައްސަލައަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ކުރިން ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ނިންމެވި ނިންމެވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.