ބަންގްލަދޭޝްގައި އަލަށް އިންތިހާބުވި ސަރުކާރު ހުވާކުރުމަށް މާދަމާ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިހާބު ކާމިޔާބުކޮށްފައިވަނީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިންނެވެ. މިއީ 2024 ވަނަ އަހަރު ޝެއިހް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ އިންތިހާބު ކަމަށްވާއިރު، ބީއެންޕީ ކޯލިޝަނުން ވަނީ މަޖިލީހުގެ 300 ގޮނޑީގެ ތެރެއިން 209 ގޮނޑި ކާމިޔާބުކޮށް ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.
މާދަމާގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ބޫޓާންގެ ބޮޑުވަޒީރު ސެރިންގް ތޮބްގޭ ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ނަމަވެސް، ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މިވަގުތު އިންޑިއާގެ ހިމާޔަތުގައި ހުންނެވުމާ ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެއެވެ. އިންޑިއާ ތަމްސީލުކުރައްވާނީ ލޯކް ސަބާގެ ރައީސް އޯމް ބިރްލާ އާއި ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީއެވެ. މީގެ އިތުރުން ޕާކިސްތާނާއި ނޭޕާލްގެ އިސް ވަޒީރުން ވެސް މި ރަސްމިއްޔާތަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސް ވަނީ ރާއްޖެ ހިމެނޭހެން ޖުމްލަ 13 ގައުމަކަށް ދައުވަތު އަރުވާފައެވެ. މީގެ ތެރޭގައި ޗައިނާ، ސައުދީ އަރަބިއްޔާ، ތުރުކީ، ޔޫއޭއީ އަދި މެލޭޝިއާ ފަދަ ގައުމުތައް ހިމެނެއެވެ. މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން ރަސްމީކޮށް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ