ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ މުހިންމު އިސްލާހުތަކުގެ ސަބަބުން، ޕެންޝަން ފަންޑަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ޕެންޝަން އޮފީހާއި، ފިނޭންސް މިނިސްޓްރީ އަދި މީރާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެން، ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ އޮފިޝަލުން ވަނީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަކީ މިވަގުތަށް ވަރަށް ބޭނުންތެރި، އަދި އެކަމާ މެދު ހިތްހަމަޖެހޭ ނިންމުންތަކެއް ކަމަށް ވިދާޅުވެފައެވެ.
ގާނޫނަށް ހުށަހަޅާފައިވާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި؛ ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށާއި، ގެދޮރު ގަތުމަށް ނުވަތަ މަރާމާތު ކުރުމަށް ބޭނުންވާ ޑައުންޕޭމަންޓް ހެދުމަށް ފަންޑުން ފައިސާ ދޫކުރުން ހިމެނެއެވެ. މީގެ އިތުރުން، އުމުރުން 65 އަހަރުވެ ރިޓަޔާކޮށްފައިވާ ފަރާތްތަކަށް، ހައްޖު ކޯޕަރޭޝަންގެ ކިއުއިން ޖާގަ ހޯދުމަށް ދައްކަންޖެހޭ ފައިސާ ވެސް ޕެންޝަން ފަންޑުން ދެއްކޭނެ ގޮތް ހެދުން، މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބަދަލުތަކާ ގުޅިގެން ކޮމިޓީގެ ބައެއް މެމްބަރުން ވަނީ ފަންޑުގެ އަސްލު މަގްސަދު ގެއްލިދާނެތޯ ސުވާލު އުފައްދަވާފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު އަބްދުﷲ ފިކުރީ ވިދާޅުވީ، މި އިސްލާހުތަކަކީ ފަންޑުގެ މައިގަނޑު މަގްސަދު ކަމުގައިވާ 'ރިޓަޔާމަންޓް ސޭވިންގްސް' އާ ފުށުއަރާ ކަންތައްތަކެއް ނޫން ކަމަށެވެ. ޚާއްސަކޮށް ގެދޮރު އިމާރާތްކުރުމަށް ނުވަތަ މަރާމާތަށް ފައިސާ ދޫކުރި ނަމަވެސް، އެ ފައިސާ ދޫކުރަނީ ޕެންޝަން ލިބޭ އުމުރަށް އެޅުމުގެ ކުރިން އަނބުރާ ފަންޑަށް ލިބޭނެ ގޮތަށް ނުވަތަ ލޯނު ހަލާސްވާނެ އުސޫލަކުން ކަމަށް ވާތީ، ޕެންޝަން ދިނުމަށް އޭގެ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ހައްޖަށް ދިއުމަށް މިހާރުވެސް ފައިސާ ދޫކުރަމުންދާކަން ފާހަގަކުރައްވައި ފިކުރީ ވިދާޅުވީ، އަލަށް ގެންނަ ބަދަލަކީ 65 އަހަރުވުމަށްފަހު ވެސް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން ރިޓަޔާކޮށްފައިވާ ފަރާތަކުން އެކަން ޚިޔާރުކޮށްފިނަމަ، ޕެންޝަން ފައިސާ ނެގުމުގެ ބަދަލުގައި އެ ފައިސާ ބޭނުންކުރާނީ ހައްޖު ޖާގަ ރިޒާވްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޕެންޝަން އޮފީހުން ބުނެފައިވަނީ އެ އޮފީހުގެ އަމާޒަކީ ވީހާވެސް ޕޮޒިޓިވްކޮށް، އާއްމުންނަށް ކަންކަން ފަހިކޮށްދިނުން ކަމަށެވެ.
ކޮމެންޓު ފޮނުވާ