ކުޅިވަރުގެ ޙަޤީޤަތް އޮޅުވާލައި، އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގަނާކޮށް ފުރައްސާރަ ކުރުމަކީ ޤައުމުގެ ކުޅިވަރުގެ މުސްތަޤްބަލް ހަލާކުކޮށްލުން ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށް ކުރަމުންދާ ފުރައްސާރަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ތޮލާލް ވިދާޅުވީ، ކުޅިވަރުގެ "ވާނުވާ" ނޭނގި ނަމަވެސް، ބައެއް ފަރާތްތަކުން ޙަޤީޤަތް އޮޅުވާލުމުގެ ބޭނުމުގައި އަރަމުން އަންނަ ކުޅުންތެރިންނަށް ހަޖޫޖަހައި ގަނާކުރަމުންދާ ކަމަށެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ކުޅިވަރުގެ މުސްތަޤްބަލަށް ނޭދެވޭ އަސަރު ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަކި ޢާއިލާއަކަށް ނިސްބަތްވާ ކުދިންނަށް އަމާޒުކޮށް ކުރެވޭ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ކޮމިޝަނަރ ވިދާޅުވީ، ވަކި މީހެއްގެ ދަރިއަކަށްވުން ނުވަތަ ވަކި ޢާއިލާއަކަށް ނިސްބަތްވުމަކީ އެ ކުޅުންތެރިއެއްގެ ޙައްޤަކުން މަޙްރޫމްވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"އެ ކުއްޖެއްގެ ހުނަރުން އެ ކުއްޖަކު ހޯދާ ކާމިޔާބީއަކީ އެ ކުއްޖެއްގެވެސް އަދި ޤައުމުގެވެސް ކާމިޔާބީއެއް. އޭގެ ފައިދާވެސް މުސްތަޤްބަލްގައި ކުރާނީ ޤައުމަށް،" ތޮލާލް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުޅިވަރުގެ މުސްތަޤްބަލް އުޖާލާ ކުރުމަށްޓަކައި އެޅިދާނެ އެންމެ ހަރުދަނާ ފިޔަވަޅަކީ، ކުޅުންތެރިން ހޯދާ ކާމިޔާބީގައި އެ ކުޅުންތެރިންނަށް ހިތްވަރުދީ ކުރިއަށް ދިއުމުގެ މަގު ދައްކައިދިނުން ކަމަށްވެސް ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވިއެވެ.
—
ކޮމެންޓު ފޮނުވާ