ބަންގްލަދޭޝްގެ ސިޔާސީ އޮއިވަރު ބަދަލުވެ، ބީއެންޕީން ވެރިކަމުގެ ބާރުތައް މުށުތެރެއަށް

ބަންގްލަދޭޝްގެ ސިޔާސީ އޮއިވަރު ބަދަލުވެ، ބީއެންޕީން ވެރިކަމުގެ ބާރުތައް މުށުތެރެއަށް

Author
އަހުމަދު
14 ފެބްރުއަރީ 2026 02:17
0

ޝައިޚް ހަސީނާގެ 15 އަހަރުވީ ދިގު ވެރިކަން ނިމުމަކަށް އައުމަށްފަހު، ސިޔާސީ މައިދާނުން މުޅިން ފޮހެވިފައިވާ ކަމަށް ބެލެވުނު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން އާދަޔާ ޚިލާފު އެނބުރި އައުމަކާއެކު އިންތިޚާބު ކާމިޔާބުކޮށް، ގައުމުގެ ހިންގުމާ ހަވާލުވެއްޖެ އެވެ.

މިއީ ބަންގްލަދޭޝްގެ ސިޔާސީ ތާރީޚުގައި ހަސީނާގެ އަވާމީ ލީގާއި ބީއެންޕީއާ ދެމެދު ބަދަލުވަމުން އައި ވެރިކަމުގެ ސިލްސިލާގެ އާ ބޮޅެކެވެ. ނަމަވެސް މިފަހަރުގެ ތަފާތަކީ، ބީއެންޕީގެ އާ ލީޑަރު ތޯރިގް ރަހްމާން ރަސްމީކޮށް ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން އިންތިޚާބަކާ ކުރިމަތިލެއްވި ފުރަތަމަ ފަހަރަށް ވުމެވެ. ވޭތުވެދިޔަ 40 އަހަރު އެ ޕާޓީ ހިންގެވި އެނާގެ މަންމާފުޅު އަދި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ މިދިޔަ އަހަރު އަވަހާރަވުމާ ގުޅިގެން، ޕާޓީގެ ހުންގާނާ ހަވާލުވެވަޑައިގެންނެވީ ތޯރިގެވެ. ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ލަންޑަނުގައި 17 އަހަރު އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށްފަހު އޭނާ ގައުމަށް އެނބުރި ވަޑައިގަތީ މަންމާފުޅު އަވަހާރަވުމުގެ އެންމެ ފަސް ދުވަސް ކުރިންނެވެ.

އުމުރުފުޅުން 60 އަހަރުގެ ތޯރިގް ރަހްމާނަކީ ވެރިކަން ހިންގުމުގެ އަމަލީ ތަޖުރިބާ މަދު ބޭފުޅެއް ކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް، ސިޔާސީ މުފައްކިރުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އޭނާއަށް ލިބިވަޑައިގަންނަވާ ފުރުސަތެކެވެ. ސަބަބަކީ ރައްޔިތުން ބޭނުންވެފައި ތިބީ މުޅިން އާ ބަދަލަކަށް ކަމަށްވާތީ އެވެ. ބީއެންޕީން ބުނާ ގޮތުގައި އެ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ހަލާކުކޮށްލާފައިވާ ޑިމޮކްރެޓިކް އަދި މާލީ މުއައްސަސާތައް އަލުން ކޮޅަށް ޖަހައި، ޑިމޮކްރަސީ އިއާދަކުރުމެވެ.

މި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަނާކުރި ދީނީ ޕާޓީ، ޖަމާއަތޭ އިސްލާމީން ވެސް ވަނީ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފަ އެވެ. އަދި ހަސީނާގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް އުޅުނު ދަރިވަރުން އުފެއްދި ނޭޝަނަލް ސިޓިޒަންސް ޕާޓީ (އެންސީޕީ) އިން ވެސް ހަ ގޮނޑި ކާމިޔާބުކޮށް، މުޅިން އާ މޫނުތަކެއް މަޖިލީހަށް ވަނުމުގެ ފުރުސަތު ވަނީ ހޯދާފަ އެވެ. ޖަމާއަތޭ އިސްލާމީން މިފަހަރުގެ ކެމްޕެއިންގައި އިސްލާމީ ޝަރީއަތުގެ ވާހަކައަށްވުރެ ބޮޑަށް ތަރައްގީގެ ވާހަކަ ދެއްކި ނަމަވެސް، އެ ޕާޓީގެ އަސާސްތަކާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

އާ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، 2024 ވަނަ އަހަރުގެ ޖުލައި މަހު ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައި ޒުވާން ޖީލުގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމެވެ. މުޒާހަރާތަކުގައި ބައިވެރިވި ޒުވާނުން ބުނާ ގޮތުގައި، ހަމައެކަނި ވެރިކަން ބަދަލުވުމަކީ ކާމިޔާބީއެއް ނޫނެވެ. އެމީހުން ބޭނުންވަނީ ކޮރަޕްޝަނެއް ނެތް، އިގްތިސާދީ ގޮތުން ހަމަޖެހޭ އަދި ގާނޫނުގެ ވެރިކަން ހިނގާ ގައުމެކެވެ. ކުރީގެ ކަންތައްތައް ތަކުރާރުވާނަމަ އަލުން މަގުމައްޗަށް ނުކުންނަން ފަސްނުޖެހޭނެ ކަމުގެ އިންޒާރު ވެސް އެ ޒުވާނުން ދެއެވެ.

މި އިންތިޚާބަކީ ވާދަވެރި އިންތިޚާބެއްގެ ގޮތުގައި ސިފަކުރެވުނު ނަމަވެސް، ހަސީނާގެ އަވާމީ ލީގަށް ބައިވެރިނުވެވޭ ގޮތް ހެދުމުން އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވެ އެވެ. އިންޑިއާގައި ހުންނަވައިގެން ހަސީނާ ވަނީ މިއީ "އޮޅުވާލުމެއް" ކަމަށް ވިދާޅުވެ، އެކަމަނާގެ ޕާޓީއަށް ބައިވެރިވެވޭ ގޮތަށް އާ އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވާފަ އެވެ. ނަމަވެސް ބީއެންޕީގެ ލީޑަޝިޕުން ބުނަނީ އަވާމީ ލީގަށް އަލުން ސިޔާސީ މައިދާނަށް އާދެވޭނީ ރައްޔިތުންގެ އިތުބާރު އަލުން ހޯދައިގެން ކަމަށެވެ.

ބަންގްލަދޭޝްގެ އާ ސަރުކާރުގެ ކުރިމަތީގައި ވަނީ އުނދަގޫ ރާސްތާއެކެވެ. ގާނޫނާއި ގަވާއިދު ތަންފީޒުކޮށް އަމާންކަން ގާއިމުކުރުމާއި، އިގްތިސާދު ކޮޅަށް ޖެހުމާއި، ކާބޯތަކެތީގެ އަގު ހެޔޮކުރުމުގެ އިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ ނުހަނު ބޮޑެތި ގޮންޖެހުންތަކެވެ. އަދި އަވާމީ ލީގާ މެދު ރައްޔިތުންގެ ރުޅިވެރިކަން އޮތް ނަމަވެސް، އެ ޕާޓީ މުޅިން ނިމުނީ ކަމަށް ބުނުމަކީ އަދި މާ އަވަސް ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.