ބަންގްލަދޭޝްގައި އިއްޔެ ބޭއްވި ތާރީހީ އާންމު އިންތިހާބުގައި، އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ބޮޑު އަޣުލަބިއްޔަތެއް ހޯދައި، އެ ޕާޓީގެ ލީޑަރު ތާރިގް ރަހުމާން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވެއްޖެއެވެ.
މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 299 ގޮނޑީގެ ތެރެއިން ބީއެންޕީ އާއި އެ ޕާޓީގެ ގުޅިފައިވާ އިއްތިހާދުން ވަނީ 211 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ މިންވަރަށްވުރެ ވެސް މަތީ އަދަދެކެވެ. މި އިންތިހާބުގައި ބީއެންޕީގެ މައިގަނޑު ވާދަވެރިޔާގެ ގޮތުގައި ނުކުތް ޖަމާއަތޭ އިސްލާމީ އިއްތިހާދަށް ކާމިޔާބު ކުރެވުނީ 70 ގޮނޑިއެވެ. ބާކީ ހުރި ގޮނޑިތައް ނަގާފައިވަނީ މިނިވަން ކެންޑިޑޭޓުންނާއި ކުދި ޕާޓީތަކުންނެވެ.
މިއީ 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ކުރި ވަރުގަދަ މުޒާހަރާތަކާއެކު، ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު އެ ގައުމުގައި ބޭއްވުނު ފުރަތަމަ އާންމު އިންތިހާބެވެ. އިންޑިއާއަށް އަރުވާލެވިގެން ހުންނެވި ހަސީނާގެ އަވާމީ ލީގަށް މި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.
މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަހުމާން، އިނގިރޭސިވިލާތުގައި 17 އަހަރު ވަންދެން އަރުވާލެވިގެން ހުންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެން، އަމިއްލަފުޅު ދާއިރާ ކަމަށްވާ ބޮގުރާ-6 ގެ ގޮނޑި ވަނީ ތަފާތު ބޮޑުކޮށް ކާމިޔާބު ކުރައްވާފައެވެ. ބީއެންޕީން ހާމަކޮށްފައިވާ ގޮތުގައި އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަންނަވާނީ ތާރިގް ރަހުމާނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތައް ދައްކާ ގޮތުން މި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް އުޅެނީ 60.69 އިންސައްތައިގައެވެ. ބައިނަލްއަގުވާމީ އޮބްޒާވަރުން ފާހަގަކުރާ ގޮތުގައި މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ބަންގްލަދޭޝްގައި ބޭއްވުނު އެންމެ އަމާން އަދި ގިނަ ރައްޔިތުންގެ ބައިވެރިވުން ލިބުނު އިންތިހާބެވެ.
ކޮމެންޓު ފޮނުވާ