އައްޑޫ ޕޮލިސް އެކަޑަމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ވިސްނާފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކަޑެމީ، ހޮޓަލަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މި އަދު އެކަޑަމީއަކީ މަތީ ތައުލީމުގެ އިންސްޓިޓިއުޓެއް ކަމަށެވެ. ރައީސް ނަޝީދު ވަނީ ޕީޕީއެމްއަކީ ތައުލީމަށް ފުރުސަތު ނުދޭ ޕާޓީއެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އެމްޑީޕީން އައްޑޫސިޓީ މުޅި ދުނިޔެއަށް ހުޅުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އައްޑޫ ޕޮލިސް އެކަޑަމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ވިސްނާފަ. މިހާރު އެތަނަކީ މަތީ ތައުލީމު އިންސްޓިއުޓެއް. ޕީޕީއެމްގެ ޒަޢާމަތުގައި އައްޑޫ ސިޓީގައި މަތީ ތައުލީމަށް ފުރުސަތެއް ނެތްބާ؟ އެމްޑީޕީ މޭޔަ ކެންޑިޑޭޓް އާއި ކައުންސިލް ކެންޑިޑޭޓުންނާއި އެކު އައްޑު ސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ލަތީފު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވާ އަލީ ނިޒާރު ވިދާޅުވީ މިބޭފުޅުންގެ ފިކުރަކީ މިއަދު ވީރާނާ ފިކުރެއްކަން ރައްޔިތުން ގަބޫލު ކުރާކަމަށެވެ. އަލީ ނިޒާރު ވަނީ އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ނިމިދިިޔަ ސަރުކާރުން ގެންނެވި ބަދަލުތަކުން ވެފައިވާ ގެއްލުންތަކުގެ ވާހަކަވެސް ކުރެއްވި ޓްވީޓުގައި ހިމަނާފައެވެ.
ރޭ ޗެނަލް13 ގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކެންޑިޑޭޓް ލަތީފް ވިދާޅުވީ އިންޑިއާގެ މިލިޓްރީ ބޭސް ހަދަމުން ދަނީ އައްޑޫގެ އެންމެ މުހިއްމު ސަރަހައްދުގައި ކަމަށެވެ.
މި މިލިޓަރީ ބޭސް ހަދަމުން މިދަނީ އަޅުގަނޑުމެންގެ އެންމެ މުހިއްމު ލޮކޭޝަނުގައި. ހަދަމުންދާއިރު ސިޓީގެ މުސްތަގުބަލަށް ވެސް ވިސްނަންޖެހޭ. ޓޫރިޒަމް އާލާކުރަން ވެސް އޮތް ސަރަހައްދަކީ މިތަން. އިދާރަކުރެވިއްޔާ އަޅުގަނޑަށް އައްޑޫ ސިޓީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިއްޖެއްޔާ އެންމެން ގުޅިގެން މި އަޅާ ޓްރޭނިން ސްކޫލް ހޮޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނަން.
– ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ އިންޑިއާ އިން އައްޑޫގައި އިމާރާތް ކުރަމުން ގެންދަނީ އަސްކަރީ ބޭސްއެއް ކަމަށް ރައްޔިތުން ބުނަމުން ގެންދާއިރު އައްޑޫ ސިޓީ ކައުންސިލުން ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިން މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަނުން ވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބެއް ނުދޭކަމަށެވެ.
ކޮމެންޓު ފޮނުވާ