ރާއްޖެ ފަދަ މޫސުމީ ބަދަލުތަކުގެ އަސަރު ބޮޑަށް ކުރާ ގައުމުތަކަށް، ކްލައިމެޓް ފައިނޭންސް ނުވަތަ މާލީ އެހީތެރިކަން ލިބުމުގައި ލުއި ގޮތްތަކެއް ހަމަޖެހިފައި އޮތުމާއި، އެ އެހީ ލިބޭނެކަން ދުރާލާ ކަށަވަރުވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.
ރައީސް މިކަން ފާހަގަކުރެއްވީ ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ބާލިންގައި ހުންނަ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި ދެއްވި ތަގުރީރުގައެވެ. ދުނިޔޭގެ ނިސްބަތުން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު އެންމެ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނު ނަމަވެސް، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމަކީ ރާއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން މޫސުމީ ބަދަލުތަކަށް ހޭނި، އެކަމަށް ތައްޔާރުވުމަކީ ރާއްޖެއަށް އޮތް އިހުތިޔާރެއް ނޫން ކަމަށާއި، އެއީ ގައުމުގެ ދެމިއޮތުމާއި ސަގާފަތާއި އަމިއްލަވަންތަކަން ހިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމީ ނުރައްކާތަކާ ކުރިމަތިލާންޖެހޭ ގައުމުތަކަށް "އެޑަޕްޓޭޝަން ފައިނޭންސިންގް" ލިބުމަކީ މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ގައުމީ ފެންވަރުގައި ރާވާ ރޭވުންތަކާއި ބަޖެޓު އެކުލަވާލުމުގައި ސައިންސްގެ އަލީގައި މޫސުމީ ނުރައްކާތަކަށް ރިއާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމަށް ކުރާ މަސައްކަތްތައް ލަސްކޮށްފިނަމަ، މުސްތަގުބަލުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެކަމުގެ އިންޒާރު ރައީސް ދެއްވިއެވެ. އަދި ގައުމީ ތަރައްގީއާއި މޫސުމީ ކަންކަމަށް އަހުލުވެރިވުމުގެ މަސައްކަތަކީ ވަކިކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި، އެ ދެ ކަންތައް ކުރިއަށް ގެންދަންޖެހޭނީ އެކުއެކީގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މޫސުމީ ބަދަލުތަކަކީ ވަކި ބޯޑަރެއް ނެތް ކަމަކަށް ވުމުން، އެކަމާ ކުރިމަތިލުމަށް ބޭނުންވަނީ ހުރަސްތަކެއް ނެތް އިލްމީ މަސައްކަތްތަކެއް ކަމަށެވެ. އަދި ހަނި މަސްލަހަތުތަކާއި ކުރު މުއްދަތުގެ ފައިދާއަށްވުރެ ބޮޑަށް، ދުރު މުސްތަގުބަލަށް އަމާޒުކޮށްގެން ސައިންސްގެ އަލީގައި ހޯދާ ހައްލުތަކަށް އިސްކަންދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ