އައްޑޫ ސިޓީ ހިތަދޫގައި، އަމިއްލަ މަންމަގެ ބޭންކް ކާޑު ވަގަށް ނަގައިގެން އެއިން ވިޔަފާރިކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ވައްކަމުގެ ތުހުމަތު ކުރެވޭއިރު، ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓުން ނެރެފައިވާ ރައްކާތެރިކަމުގެ އަމުރަކާ ޚިލާފުވި މައްސަލައެއް ވެސް އޭނާގެ މައްޗަށް ވަނީ ފެންމަތިވެފައެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ ވަގަށް ނަގާފައިވަނީ މަންމަގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ކާޑެވެ. އެ ކާޑު ބޭނުންކޮށްގެން އޭނާ ވިޔަފާރިކޮށްފައި ވީނަމަވެސް، އެއީ ކިހާ އަދަދެއްގެ ފައިސާކަން ހާމަވެފައެއް ނުވެއެވެ.
މި މީހާއަކީ ކުށުގެ ރެކޯޑު ގިނަ މީހެއްކަން ފާހަގަކުރެވެއެވެ. އެގޮތުން އެކި މައްސަލަތަކުގައި މީގެ ކުރިން 15 ފަހަރަށްވުރެ ގިނައިން އޭނާ ހައްޔަރުކޮށްފައިވެއެވެ. މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
އައްޑޫ ސިޓީގައި ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަމުގެ ކަންބޮޑުވުން އެ ސިޓީގެ ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ