ދެކުނު އޭޝިޔާ ސަރަހައްދުގައި އެންމެ ޝަރަފްވެރި ޕާސްޕޯޓުގެ މަޤާމު މިއަހަރުވެސް ދިވެހި ޕާސްޕޯޓަށް ލިބިއްޖެއެވެ.
ޕާސްޓްޕޯޓް ބޭނުންކޮށްގެން ވިސާއާ ނުލާ އެންމެ ގިނަ ޤައުމުތަކަށް ދަތުރުކުރެވޭ ޕާސްޕޯޓްތަކުގެ ލިސްޓުން މިސަރަޙައްދުގެ އެއްވަނަ ދިވެހި ޕާސްޕޯޓަށް ލިބިފައިވާއިރު، މިއީ އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނަރސްއިން އެކުލަވާލާފައިވާ ލިސްޓެކެވެ.
ފާއިތުވި އަހަރު ދިވެހި ޕާސްޕޯޓަކީ މުޅި ދުނިޔެއިން 61 ވަނައަށް އެންމެ ބާރުގަދަ ޕާސްޕޯޓެވެ. އަދި މި އަހަރު ދިވެހި ޕާސްޕޯޓަކީ 62 ވަނައަށް އެންމެ ބާރުގަދަ ޕާސްޕޯޓެވެ. ދިވެހި ޕާސްޕޯޓު ބޭނުންކޮށްގެން ކުރިއާލާ ވިސާ ހޯދަންނުޖެހި 85 ޤައުމަށް ދަތުރުކުރެވެއެވެ. މިއީ ޗައިނާ އަދި ސަޢޫދީ ފަދަ ޤައުމުތަކުގެ ޕާސްޕޯޓަށްވުރެ ބޮޑު ކުރިއެރުމެކެވެ.
ރާއްޖެއަށް މިލިސްޓުން 62 ވަނަ ލިބިފައިވާއިރު، ރާއްޖެއާ އެންމެ ކައިރިން ވާދަކުރާ ދެކުނު އޭޝިޔާގެ ޤައުމަކީ އިންޑިއާއެވެ. އިންޑިއާއަށް މިލިސްޓުން ލިބިފައިވަނީ 85 ވަނައެވެ. ދިވެހިންނަށް 85 ޤައުމަކަށް ވިސާއާ ނުލާ ދެވޭއިރު، އިންޑިއާ ރައްޔިތުންނަށް ވިސާއާ ނުލާ ދެވެނީ 58 ޤައުމަކަށެވެ. ސްރީލަންކާއަށް ލިސްޓުގެ 99 ވަނަ ލިބުނުއިރު، އެޤައުމުގެ ރައްޔިތުންނަށް ވިސާއާ ނުލާ ދެވެނީ 42 ޤައުމަކަށެވެ.
މިލިސްޓުގެ އެންމެ ފުލުން ޖާގަ ހޯދާފައިވަނީ ސޯމާލިއާ، ޕާކިސްތާން، ސީރިއާ، އިރާޤް އަދި އަފްޣާނިސްތާނެވެ. އެޤައުމުތަކުގެ ރައްޔިތުންނަށް ވިސާއާ ނުލާ ދަތުރުކުރެވެނީ ތިރީހަށްވުރެ މަދު ޤައުމަކަށެވެ.
ކޮމެންޓު ފޮނުވާ