މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރެއްވުމަށް ކަނޑައަޅާފައިވާ ގޮނޑިތަކުގެ ތެރެއިން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވަނީ، ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކަށަވަރު ކުރުމަށްފަހު ރައުސުލްޖުމްހޫރިއްޔާއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި؛ ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ މެންބަރަކަށް ވާތީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެން ނުވާނެއެވެ. ހަމައެއާއެކު، ސަރުކާރުގެ 50 އިންސައްތައަށްވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއް ނުވަތަ އެފަދަ ތަނެއްގެ ސަބްސިޑަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ވެސް ވެގެން ނުވާނެއެވެ. މީގެ އިތުރުން ޕެންޝަނާބެހޭ ގާނޫނުގައިވާ އެހެނިހެން ކަންކަމަށްވެސް ރިއާޔަތް ކުރެވޭނެކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.
ބޯޑު މެންބަރެއްގެ އިތުރުން، ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޯދުމަށްވެސް ވަނީ އިއުލާނުކޮށްފައެވެ. އެ މަގާމު ހުސްވީ ބޯޑުގެ ޗެއާޕާސަންކަމުގައި ހުންނެވި ޑރ. އަހުމަދު އިނާޒް މިފަހުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިނާޒް އިސްތިއުފާ ދެއްވީ ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކުމަށް މަސައްކަތްކުރަމުންދާ މައްސަލައިގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައެވެ.
މި މުއާމަލާތަކީ ސަރުކާރުން 2.4 ބިލިއަން ރުފިޔާ ޗާޕުކުރުން ކަމަށް ބެލެވޭއިރު، އިގްތިސާދީ ގޮތުން މިހާލަތުގައި މިއީ ގެއްލުން ބޮޑު ނިންމުމެއްކަމަށް ފަންނީ ގޮތުން ގަބޫލުކުރެއްވޭތީ އިނާޒް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑުތަކަކަށް އިންވެސްޓުކޮށްގެން ފައިސާ ހޯދުމަށެވެ.
ކޮމެންޓު ފޮނުވާ