އައްޑޫ ސިޓީ ހިތަދޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން ހިންގަމުން އަންނަ ފްލައިންގ ސްކޫލު 35،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވީ، އައްޑޫ ފްލައިންގ ސްކޫލު ޖޫރިމަނާކޮށްފައިވަނީ މަދަނީ ދަތުރުފަތުރުގެ ޤާނޫނާއި ޚިލާފު ވުމުންކަމަށެވެ. ޤާނޫނުގައި ބުނާގޮތުން ޤާނޫނާއި ޚިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.
އައްޑޫ ފްލައިން ސްކޫލުގައި ގިނަ ކަންބޮޑުޑުވުންތައްކެއް ހުރިއިރު، ހުރި މައްސަލަތަކަށް ހައްލު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް މަޖިލީހުގެ ބައެއް މެމްބަރުންވެސް ދަނީ ވިދާޅުވަމުންނެވެ. ޚާއްސަކޮށް ސުކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް އެތައް ދުވަހެއް ބޭކާރުވެ އަތުން ފައިސާތަކެއް ޚަރަދުވެ ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.
ފްލައިންގ ސްކޫލަށް ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް އަންގަވާފައިވާއިރު، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެންގުންތަކާ އެއްގޮތަށް ސްކޫލުގެ ފަރާތުން ޢަމަލު ކުރޭތޯ ކޮންމެ ދުވަހަކުވެސް ބެލުމަށް، އެ އޮތޯރިޓީގެ އިންސްޕެކްޓަރަކު ސްކޫލުގައި މަޑުކުރާ ގޮތަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން، ޑެއިލީ ސްޓޭޓަސް އަޕްޑޭޓް ދުވަހުން ދުވަހަށް އޮތޯރިޓީއަށް އަންގަމުން ގެންދެވޭނެކަމަށާއި، ދަރިވަރުންގެ މައްސަލަތައް ޙައްލުކުރަމުން ގެންދެވޭނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އައްޑޫގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލްގައި، ބޭނުންވާ މިންވަރަށް ވަސީލަތްތައް ނެތުމުގެ ސަބަބުން އެތައް ދަރިވަރުންތަކެއްގެ ކިޔެވުން ހުއްޓި، އެކަމާއި ގުޅިގެން ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެތާގައި 15 ފްލައިޓް އޮންނަ އިރު މިހާރު ބޭނުންކުރެވޭ ހާލަތުގައި އޮތީ އެންމެ 2 ފްލައިޓެވެ. ސްކޫލުގައި ހުރި ގިނަ ކަންކަން އިސްލާހު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ގިނަ ފިޔަވަޅު ތަކެވެސް އަޅައި، ސްކޫލު މިހާރު ހިންގާ ފަރާތާއިއެކު ކޮންޓްރެކްޓް އާ ނުކުރުމަށް ސަރުކާރުން ވަނީ މިހާރު ނިންމާފައެވެ.
ކޮމެންޓު ފޮނުވާ