ދަ ގްރާންޑޭ 1-0 އިން ބަލިކޮށް ކްލަބް ގްރީންސްޓްރީޓްސް އިން މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.
މެޗުގައި ގްރީންގެ ހަމައެކަނި ގޯލް 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެނިޝް ފޯވާޑް އެންހެލް މުނޯޒެވެ. މިއީ ހަލީލް ގަމަލް ދިން ބޯޅަ އަކަށް އަރައި އޭރިއާ ތެރެއިން ގޯލްކީޕަރު ކައިރިން ނައްޓާލާފައި އޭނާ ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ދަ ގްރާންޑޭ އިން އެއްވަރުކުރުމާ ގާތަށް ދިޔަ ނަމަވެސް ސިޒާން އަހުމަދު ނެގި ބޯޅަ އޭރިއާ ތެރެއިން ޝިފާން ހަސަން ޖެހުމުން އަމާޒުވީ ދަނޑި އަށެވެ.
މިއީ ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ލިބުނު ފުރަތަމަ މޮޅެވެ. ލީގުގައި އެޓީމު ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ފަހު ދެމެޗުން ވީ އެއްވަރެވެ. މިއީ ސީޒަނުގައި ދަ ގްރާންޑޭ ބަލިވި ފުރަތަމަ ފަހަރެވެ. މިދިޔަ ސީޒަނުގައި ވެސް ދަ ގްރާންޑޭގެ ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް ގެނައީ ފަސް ވަނަ މެޗުގައި ގްރީން ސްޓްރީޓްސް އިންނެވެ.
މުހިއްމު މޮޅާ އެކު ގްރީން ސްޓްރީޓްސް ވަނީ ފަސް ޕޮއިންޓާ އެކު ތާވަލުގެ ކުރީގައި އުޅޭ ޓީމުތަކާ ގާތަށް ޖެހިލާފަ އެވެ. އެޓީމު ހަ ވަނައިގައި އޮތްއިރު ދަ ގްރާންޑޭ އޮތީ ހަ ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. ދަ ގްރާންޑޭގެ ފަހަތުން ހަތަރު ވަނަ އާއި ފަސް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ތާވަލުގެ ހަތް ވަނައިގައި ހަތަރު ޕޮއިންޓާ އެކު ކްލަބް އީގަލްސް އޮތްއިރު ފުލުގައި އޮތީ ދެ ޕޮއިންޓް ލިބިފައިވާ ޔުނައިޓެޑް ވިކްޓްރީ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އިން ވަނީ 11 ޕޮއިންޓް ހޯދައިފަ އެވެ.
ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.
ކޮމެންޓު ފޮނުވާ