މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުން ބުދަ ދުވަހު ނިންމާލަނީ

މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުން ބުދަ ދުވަހު ނިންމާލަނީ

Author
އައިޝަތު އަޙްމަދު
09 ފެބްރުއަރީ 2026 04:40
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ދެއްވާ ރަމަޟާން ހަދިޔާގެ ގޮތުގައި ދޫކުރަމުން އަންނަ މަސްދަޅު ކޭސް މާލެ ސަރަޙައްދުން ދޫކުރުން، މި ހިނގާ މަހުގެ 11 ވާ ބުދަ ދުވަހު ނިންމާލުމަށް ސަރުކާރުން ކަނޑައަޅައިފިއެވެ.

ސިޓީސް، ލޯކަލް ގަވަންމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސުންގަޑި ހަމަވަންދެން ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މާލެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ 14 މަރުކަޒަކުން މި ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ކޮންމެ ރެޔަކުވެސް 300 ޓޯކަން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހަދިޔާ ހޯދުމަށް ބޭނުންވާ ޓޯކަން "ރޯދަހަދިޔާ" ޕޯޓަލް މެދުވެރިކޮށް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގެ ދަށުން، ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް މާލެ ސަރަޙައްދުން 43,923 ކޭސް ވަނީ ޙަވާލުކޮށްފައެވެ. ސަރުކާރުން މަސްދަޅު ދޫކުރަނީ ކަރަންޓު ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ. އެގޮތުން މާލެ ސަރަޙައްދުގައި 65,230 މީޓަރު ހުރިއިރު، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ލޯކަލް ކައުންސިލްތައް މެދުވެރިކޮށް މި ހަދިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހަރަކާތް ނިންމާލުމަށް ކަނޑައަޅާފައިވާ ތާރީޚު ކައިރިވަމުން އަންނާތީ، ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަކަށް ކޭސްތައް ބަލައި ދިޔުމަށް މިނިސްޓްރީން ވަނީ ޢާންމުންގެ ކިބައިން އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.