މާލެއިން ބޭރުގައި ގާއިމުކުރި ސަރުކާރުގެ ފުރަތަމަ އައިނު ފިހާރަ އާއި ކެތަރައިޒޭޝަން ލެބޯރެޓަރީ (ކެތު ލެބް) އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިއަދު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
މި ދެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު އޭއީއެޗްގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ހޮސްޕިޓަލުގެ ކެތު ލެބުގެ ޚިދުމަތް މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އަންނަނީ ދެމުންނެވެ. ނަމަވެސް އެތަން ވެސް ރަސްމީކޮށް ހުޅުވާފައިވަނީ އައިނު ފިހާރަ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ހޮސްޕިޓަލްސް ގްރޫޕްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، ސަރުކާރުގެ "އެމްސީޖީއެޗް އޮޕްޓިކަލްސް" މެދުވެރިކޮށް މިހާތަނަށް 13،000 އެއްހާ މީހުންނަށް ޚިދުމަތް ދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 12،056 މީހަކަށް އައިނު ހަވާލުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މި ޚިދުމަތް މާލޭގައި ފަށާފައިވަނީ ނިމިދިޔަ ޖުލައި މަހުގެ ފަހުކޮޅުއެވެ.
ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް ރާއްޖޭގެ އެހެން ރީޖަނަލް ހޮސްޕިޓަލްތަކަށް ވެސް ފުޅާކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް ހަލީމް ވިދާޅުވިއެވެ. މީގެ ކުރިން ބޮޑު އަގުގައި އަމިއްލަ ތަންތަނުން ހޯދަމުން އައި އައިނުގެ ޚިދުމަތަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާސަންދައިގެ ދަށުން އައިނަށް ކަވަރުކުރާ އަދަދު 2،000 ރުފިޔާއަށް ބޮޑުކޮށްދެއްވާފައެވެ. މިއަދު އައްޑޫގައި ހުޅުވުނު މި ފިހާރައަކީ ސިއްހީ ޚިދުމަތްތައް ލާމަރުކަޒީކޮށް، އަތޮޅު ތެރެއިން ފަސޭހަކަމާއެކު މި ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ