"އޮޕަރޭޝަން ގެލަންޓް ނައިޓް 3″ ގެ ދަށުން ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޔޫއޭއީއިން ފޮނުވި 4،000 ޓަނުގެ އެހީ ހިފައިގެން ދިޔަ މަނަވަރު، މިސްރުގެ އަލް އާރިޝް ބަނދަރަށް ވަދެއްޖެއެވެ.
"ސަގުރް އަލް ޚައިރް" ގެ ނަމުން ނަން ދީފައިވާ މި އުޅަނދުގައި ހުރި ތަކެތީގެ ތެރޭގައި އަސާސީ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ސާމާނާއި މެޑިކަލް އިކުއިޕްމަންޓްސްގެ އިތުރުން ފިނި މޫސުމަށް ހާއްސަ އަންނައުނާއި ބޯހިޔާވަހިކަމަށް ބޭނުންވާ ޓެންޓު ފަދަ ތަކެތި ހިމެނެއެވެ. ޔޫއޭއީއިން ހާމަކުރާ ގޮތުގައި މިއީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް ފޮނުވި މުހިންމު އެހީތަކެކެވެ.
މި އެހީގެ ޝިޕްމަންޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަކަރް ބިން މުހައްމަދު އަލް ގާސިމީ ފައުންޑޭޝަން ފޯ ޗެރިޓީ އެންޑް ހިއުމެނިޓޭރިއަން ވޯކްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ރާޝިދު އަލް ޒާބީ ސިފަކުރެއްވި ގޮތުގައި، މިއީ ހަމައެކަނި މުދާތަކެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ޣައްޒާގެ ރައްޔިތުންނަށް ޔޫއޭއީއިން ފޮނުވި "ހަދިޔާއެއް" ގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މި އުޅަނދަކީ އޯގާތެރިކަމާއި އުހުއްވަތްތެރިކަމުގެ ރަމްޒެއް ކަމަށާއި، މީގެ ތެރޭގައި ކަދުރު ފަދަ ރޯދަ މަހަށް ބޭނުންވާ ތަކެތި ވެސް ގިނަ އަދަދަކަށް ހިމެނޭ ކަމަށެވެ.
މި ތަކެތި ޣައްޒާގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނީ އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ބައިވެރިންނާއި ކަމާބެހޭ އިދާރާތަކާ ގުޅިގެންނެވެ. މިސްރަށް ކަނޑައަޅާފައި ހުންނަވާ ޔޫއޭއީގެ ސަފީރު ހަމަދު އޮބައިދު އަލް ޒާބީ ވަނީ، ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ޔޫއޭއީއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވައި، އެހީ ފޯރުކޮށްދޭ ޓީމުތަކުގެ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ "އޮޕަރޭޝަން ގެލަންޓް ނައިޓް 3″ ގެ ދަށުން ޣައްޒާއަށް އެހީވުމަށް ޔޫއޭއީއިން ފޮނުވި 12 ވަނަ އުޅަނދެވެ.
ކޮމެންޓު ފޮނުވާ